ކާޑު ބޭނުންނުކޮށް ފައިސާގެ މުއާމަލާތުތައް ކުރެވޭ ނެޝަނަލް ކިއުއާރް ކޯޑް ސިސްޓަމެއް ތައާރަފުކުރުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރަމުންދާ ކަމަށާއި، މި ޚިދުމަތް އަންނަ އަހަރު ތައާރަފުކުރުމަށް އަމާޒު ހިފާފައިވާކަމަށް ބުނެފި އެވެ.

އެމްއެމްއޭގެ އިސް އޮފިޝަލެއް "ތިލަދުން" އަށް މައުލޫމާތު ދެއްވި ގޮތުގައި މި ޚިދުމަތް ފޯރުކޮށްދޭނީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ޓްރާންސްފަރކުރެވޭ "ފަވަރަ" ޕޭމަންޓް ސިސްޓަމްގެ ތެރެއިންނެވެ.

Ad
rt

އިންޑިއާގެ ނެޝަނަލް ކިއުއާރް ކޯޑްް ފަދައިން މަސައްކަތް ކުރާ މި ޚިދުމަތް، އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އާއި ގުޅުވާލުމުގެ މަސައްކަތް ނިމުމުން ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައްވެސް ކުރެވޭނެކަމަށެވެ.

"ޕޭމެންޓް މޯލްޑިވްސް" ގެ ނަމުގައި ވަކި ކުންފުންޏެއް އުފައްދައި، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ގައުމީ ޕޭމަންޓް ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތްވެސް އެމްއެމްއޭއިން ދަނީ ކުރަމުންނެވެ. މި ކުންފުނިން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އީޖާދީ ޕޭމަންޓް ޚިދުމަތްތައް ތައާރަފުކޮށް، މި މަސައްކަތް ވިލަރެސްކުރާނެއެވެ.

މިހާރު ފައިސާ ޓްރާންސްފަރކުރުމުގެ ޚިދުމަތްތަކަށް 2.5 އިންސައްތައިގެ ފީއެއް ނަގަމުންދާއިރު، ނެޝަނަލް ކިއުއާރް ކޯޑް ތައާރަފުކުރުމުން އެ ފީ ދައްކަން ނުޖެހޭނެކަމަށް އެމްއެމްއޭގެ އޮފިޝަލް ވިދާޅުވިއެވެ. އަދި މި ޚިދުމަތަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ބަދަލުގެނައުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މި އައު ނިޒާމުގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތައް ފަސޭހަވެ، މާލީ ބައިވެރިވުން އިތުރުވެ، ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް މަގުފަހިވެގެންދާނެ އެވެ.