ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް، ރަށްރަށުގެ އިޤުތިޞާދު ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް މިއަދު ފަށައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފިނޭންސް މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް ގުޅިގެންނެވެ.

Ad
rt

މި މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދީފައިވަނީ ކައުންސިލުތަކަށް ބޭންކިންގ ސިސްޓަމްގެ ތެރެއިން ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ. މީގެ އިތުރުން، އަތޮޅު ފިހާރަތަކުން ލިބޭ ކުލި ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލުތަކަށް ޖަމާކުރުމުގެ މައްސަލައާމެދުވެސް މަޝްވަރާކުރެވުނެވެ.

ސިޓީސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ކައުންސިލުގެ ބްލޮކް ގްރާންޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ 5 އިންސައްތައަކީ ހަމައެކަނި އެ ކޮމިޓީން ހިންގަން ބޭނުންވާ ޙަރަކާތްތަކަށް ޚާއްޞަކުރެވޭ އެއްޗަކަށް ހެދުމަށްވެސް ވަނީ މަޝްވަރާކުރެވިފައެވެ. އަދި ކައުންސިލުތަކަށް ބްލޮކް ގްރާންޓް ދޭ އުސޫލަށް ހެޔޮ ބަދަލެއް ގެނައުމުގެ މަޝްވަރާވެސް ކުރެވުނެވެ.

މި މަޝްވަރާތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް ރަށްރަށުގެ އިޤުތިޞާދު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ފުރަތަމަ ފިޔަވަޅުކަމަށް ހާމަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ސިޓީސް މިނިސްޓްރީގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމެވެ. އަދި އެމަނިކުފާނުގެ އަރިހުގައި މިނިސްޓްރީގެ އެލްޖީ ޑިޕާޓްމަންޓްގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.