މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، އިއްޔެ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައި އެ ގައުމުގެ ޚާރިޖީ ވަޒީރު ޕީޓަރ ސިހާޓޯއާ ބައްދަލުކުރައްވައިފިއެވެ.
ހަންގޭރީ ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ސުލްހައަށް ދުނިޔެ ބޭނުންވެފައިވާ މިންވަރާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ދޭދޭ ގައުމުތަކުގެ މެދުގައި މަޝްވަރާތައް ކުރުމުގައި އދގެ މެދުވެރިއެއްގެ ދައުރާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ސިހާޓޯ ވަނީ އެކްސް ޕްލެޓްފޯމްގައި ހާމަކުރައްވާފައެވެ.
ޝާހިދުގެ ޚާރިޖީ ވަޒީރުކަމުގައި ހަންގޭރީއާއެކު ގާއިމުކުރެވުނު ގުޅުންތަކުގެ ތެރެއިން، 2021 ވަނަ އަހަރު ވަނީ ހަންގޭރީއިން ދިވެހިރާއްޖެއަށް ކޮންމެ އަހަރަކު 15 ސްކޮލަރޝިޕް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. އަދި 2022 ވަނަ އަހަރު ސިހާޓޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، މި އެއްބަސްވުން އައުކުރެވި، ސްކޮލަރޝިޕްތަކުގެ އަދަދު 25 އަށް އިތުރުކުރެވުނެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ޝާހިދުގެ ޚާރިޖީ ވަޒީރުކަމުގައި އެކި ފަހަރުމަތިން ހަންގޭރީގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާފައިވާއިރު، 2022 ވަނަ އަހަރު ސިހާޓޯ ވަނީ ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ. މި ސްކޮލަރޝިޕް ސްކީމްގެ ދަށުން މިހާރުވެސް ގިނަ ދިވެހި ދަރިވަރުންތަކެއް ހަންގޭރީގައި ތަޢުލީމު ހާސިލުކުރަމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!