ނ. އަތޮޅުގައި ފަންގިވިނދެ، ރޯނު ވަށާ ރައްތަކާއި، ފަންގި އާއި ރޯނު ވިއްކުމުގައި ހުންނަ މައިގަނޑު ދަތިތައް އޮޅުން ފިލުވައި މައުލޫމާތު އެއްކުރުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ނ. އަތޮޅު ކައުންސިލަށް ފޮނުއްވި ސުވާލުތަކަކާއި ގުޅިގެން އަތޮޅު ކައުންސިލްގެ އުދާސްތައް ބަންޑުންކޮށްލައިފިއެވެ.

މި މައުލޫމާތު ހޯދުމަށް ކުޑޫ، ނ. އަތޮޅު ކައުންސިލަށް ފޮނުވާފައިވާ ސުވާލުތައް ހިމެނޭ ސިޓީގައި ވިދާޅުވެފައި ވަނީ، ފަންގިވިނުމާއި ރޯނުވެށުމަކީ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތަކަށް ވެފައި، މިހާރު ރާއްޖޭގައި ފަންގިވިނުމާއި ރޯނުވެށުން ކުރިއަށްދާ ވަރާއި އެމަސައްކަތްތައް ދިރުވާ އާލާކުރުމަށް ކުރެވޭނެ ކަންކަމާމެދު މައުލޫމާތު އެއްކުރަމުންދާތީ، އެކަމާއި ގުޅިގެން އެ ސިޓީގައި ހިމަނާފައިވާ ސުވާލުތަކުގެ ޖަވާބު ވީ އެންމެ އަވަހަކަށް ލިބޭގޮތް ހަދައިދިނުން އެދޭކަމަށެވެ.

Ad
rt

20 ޖުލައި 2025 ގައި ފޮނުވާފައިވާ މިސިޓީގައި ހިމަނާފައިވާ ދެ ސުވާލަކީ:

  1. ތިޔަ އަތޮޅުގެ ކޮން ރަށެއްގައިތޯ ފަންގި ވިއްނަނީ/ރޯނު ވަށަނީ؟ (އެރަށްރަށުގެ ނަންތައް)
  2. ފަންގި/ރޯނު ވިއްކުމުގައި ހުންނަ މައިގަނޑު ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިތޯ؟

ކުޑޫގެ މި ސިޓީގެ ޖަވާބުގެ ގޮތުގައި ނ.އަތޮޅު ކައުންސިލުން ފޮނުވި ސިޓީ، އެ ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) ވަނީ އެކްސްގައި ހިއްސާކުރަށްވާފައެވެ. މިސިޓީގައި ވަނީ އެމްޑީޕީގެ ސަރުކާރުގައި، އެ އަތޮޅުގެ ފަޅުރަށްތައް ދިގުމުއްދަތައް ''ވިއްކަން'' ފެށުމުން އެކަން އެގޮތަށް ނުކުރުމަށް އާދޭސްކުރި ކަމަށް ބަޔާންކޮށްފައެވެ.

ނ.އަތޮޅު ކައުންސިލްގެ ސިޓީގައި ވަނީ އެމްޑީޕީގެ މަޖިލިސް މެމްބަރަކަށްވެފައި، އެކަމުގައި އެމްޑީޕީގެ ސިޔާސަތެއް އޮތްކަން ނުވަތަ ނެތްކަން އެނގިވަޑައިނުގަނެ، މަލްޓި ޕާޓީ ނިޒާމެއްގައި އެ މައުލޫމާތު ހޯދައިގެން މެމްބަރަށް ވަކިން ކުރެވޭނީ ކޮންކަމެއްތޯ ސުވާލުކޮށްފައެވެ.

''ފަނާ ރޯނަކީ ދިވެހި ރުކުން ލިބޭ ތަކެތީގެ އުފެއްދުންތަކެވެ. ފަނާއި ބޮނބި ހޯދަނީ ފަޅުރަށްރަށުންނެވެ. ހުރިހާ ފަޅުރަށްތަކެއް އެމްޑީޕީގެ ސަރުކާރުން ވިއްކާތީ، ހުއްޓާލަން އެދުނީ މިފަދަ ވަސީލަތްތައް ރައްޔިތުންނަށް ގެއްލިދާނެތީއެވެ. ރަށްތައް ވިއްކަމުން ދިޔައީ ވަގަށް ސިއްރުންނެވެ. އެރަށް ރަށުގައި ހުރީ ކިތައް ރުއްތޯ، އެއިން ކައިބޮއި އުޅެނީ ކިތައް ރައްޔިތުންތޯ ބެލުމެއްނެތި، އެރަށްރަށާއި ގުދުރަތީ ވަސީލަތްތައް ވިއްކާ ހުސްކޮށްފައި ދިމާވާ ދަތީގެ ވާހަކަ ނޭއްސެވުން އެދެމެވެ.'' ނ. އަތޮޅު ކައުންސިލްގެ ސިޓީގައި ބުނެފަވެއެވެ.

24 ޖުލައި 2025 ގައި ފޮނުވާފައިވާ މި ޖަވާބުގެ ސިޓީ ނިންމާލަމުން ''ޖަވާބު އެނގިލައްވާނެ'' ކަމަށް ބުނެފަވެއެވެ.