މައްކާގެ މަސްޖިދުލް ޙަރާމުގައި،ޝައިޚް ޑރ. ޔާސިރު ބިން ރާޝިދު އައްދައުސަރީ ދެއްވި ހުކުރު ޚުޠުބާގައި، އަލިއަޅުވާލައްވާފައިވަނީ، މިއަދުގެ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަމާމެދު އެވެ.

ތަރައްޤީއަކީ އަޅުގަނޑުމެންގެ އަގުތަކާއި އުޞޫލުތަކާ ފުށުއަރާ އެއްޗެއް ނޫންކަމަށްޓަކައި. އެއީ އެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗެއްކަމަށް ޝައިޚް ވިދާޅުވިއެވެ.

Ad
rt

މިއަދުގެ ދުނިޔެއަށް ބަލާއިރު، އާޓިފިޝަލް އިންޓެލިޖެންސް، ސްމާޓް ޑިވައިސްތައް، މުވާޞަލާތީ ވަސީލަތްތައް، އަދި ސޯޝަލް މީޑިއާގެ ދާއިރާއިން ފާހަގަކުރެވޭ ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. މި ޓެކްނޮލޮޖީތަކަކީ ގިނަ ކަންކަން ފަސޭހަކޮށްދީ، ދުނިޔެ ގުޅުވާލުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެހިކަމުގައި ވެފައިވެއެވެ. އެގޮތުން ސަޢޫދީ ޢަރަބިއްޔާގެ ވިޝަން ވަނީ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ދުނިޔެއަށް ނަމޫނާއަކަށްވާފަދަ ޓެކްނޮލޮޖީގެ ކުރިއެރުމެއްގެ އިސްދައުރެއް އަދާކުރަމުންކަމަށާއި ސަޢޫދީ ޢަރަބިއްޔާ ވަނީ އެޤައުމުގެ އަސާސީ އަޤީދާއާއި އުސޫލުތަކަށް އެއްވެސް އުނިކަމެއް ނުގެނެސް ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރަމުންކަމަށް ޝައިޚް ޔާސިރު އައްދައުސަރީ ވިދާޅުވިއެވެ.

ނަމަވެސް ޝައިޚް އިންޒާރު ދެއްވާފައިވަނީ، ޓެކްނޮލޮޖީގެ ބޭނުންކުރުމުން ކުރިމަތިވެދާނެ ނުރަނގަޅު ނުރައްކާތަކާ ދޭތެރޭގައެވެ. އެގޮތުން، ޓެކްނޮލޮޖީ ކިތަންމެ ފުރިހަމަ ކަމުގައިވިޔަސް، އިންސާނީ ހޭލުންތެރިކަން އެއާ އެއްހަމައެއްގައި ނުހުރެދާނެއެވެ. ސޯޝަލް މީޑިއާއަށް ނުސިއްހީ ގޮތެއްގައި ދެވިހިފުން، ބޭކާރު ވަގުތު ހައްދެނެތި ބޭނުންކުރުމުން އެކަހެރިވެ، މުޖުތަމަޢުއިން އެކަހެރިވުމަށް މަގުފަހިވެގެން ދިއުމަކީ ނުރައްކަލެއް ކަމަށް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ވިސްނުންތެރިވެ، މުޖުތަމަޢުއިން އެކަހެރިވެ ވަގުތު ބޭކާރުކޮށްނުލުމަށް އިރުޝާދު ދެއްވިއެވެ.

"ސޯޝަލް މީޑިއާގައި ގިނަ ވަގުތު ހޭދަކޮށް، އެހެން މީހުންގެ ދިރިއުޅުން ބަލަމުން ގެންދިއުމަކީ ތިބާގެ ވަގުތާއި ހިތްހަމަޖެހުން ގެއްލޭނެ ކަމެކެވެ."

ޢިލްމުވެރިންގެ ނަމުގައި ދޮގު ފަތުރާ، އުޖޫރައަށް މަސައްކަތްކުރާ ސޯޝަލް މީޑިއާ އެކައުންޓުތަކުން ރައްކާތެރިވުމަށް އިންޒާރު ދެއްވިއެވެ. އަދި ސޯޝަލް މީޑިއާގައި ޚަބަރު ޙިއްސާކުރުމުގެ ކުރިން އޭގެ ޞައްޙަކަން ކަށަވަރުކުރުމަށާއި، އުޖޫރައަށް މަސައްކަތްކުރާ އެކައުންޓުތަކަށް އިތުބާރު ނުކުރުމަށް އިރުޝާދު ދެއްވިއެވެ. އަދި ﷲ އަށް ކިޔަމަންތެރިވުމުގެ ޢަމަލުތަކުގައި އަމިއްލަ ނަފްސު މަޝްޣޫލުކޮށް، އަމިއްލަ ވަގުތުތަކުގައި ފޯނުން ސަމާލުކަން ނުގެއްލުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

"ދޮގު މަޢުލޫމާތު ފެތުރި، ޢިލްމުން ދުރުވެ، ވަގުތު ބޭކާރުވެ، އާއިލާއާއި ޒިންމާތަކުން ދުރުވެގެން ދާތަންފެނޭ، މިކަން ހުއްޓުވުމަށް ފިޔަވަޅު ނޭޅިއްޖެނަމަ، އަޅުގަނޑުމެންގެ ޢަމަލުތައް ހިކިފައިވާ ފަތްތަކެއް ފަދައިން ހިކި، އެއްވެސް ދަރުމައެއް ނުލިބި، ޤިޔާމަތް ދުވަހު ޖަވާބުދާރީ ވާންޖެހޭ ގެއްލުމަކަށް ވެގެން ހިނގައިދާނެ"

ޝައިޚް އިތުރަށް ވިދާޅުވި އެވެ.

އަދި ޝައިޚް އިތުރަށް ވިދާޅުވެފައިވަނީ ޓެކްނޮލޮޖީއަކީ ހެޔޮގޮތުގައި ބޭނުންކުރެވޭނަމަ ބޮޑު ނިޢުމަތެއް ކަމުގައެވެ. ނަމަވެސް ނުބައިކޮށް ބޭނުންކޮށްފިނަމަ، އެއީ ދެމިޔަލީ ކަނޑިއެއް ފަދައިން، ނުރައްކާތެރި ހަތިޔާރަކަށް ބަދަލުވެދާނެ ކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން، ޓެކްނޮލޮޖީގެ ބޭނުން ޙިކުމަތްތެރިކަމާއެކު ކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ.

ފަލަސްޠީނުގެ މުސްލިމުންނަށް ނަޞްރު ދެއްވާ އަދި މަސްޖިދުލް އަޤްޞާ ރައްކާތެރިކުރައްވައި، އޭގެ ޢިއްޒަތާއި ޝަރަފު ދަމަހައްޓަވާނދެއްވުމަށް އެދި ތަކުރާރުކޮށް މިއަދުގެ ހުކުރު ޚުޠުބާގައި ޝައިޙްވަނީ ދުޢާއެއްވެސް ކުރައްވާފައެެވެ.