އެމެރިކާގެ ޓްރެޜަރީން އެ ޤައުމުގެ 36.65 ޓްރިލިއަން ޑޮލަރުގެ ދަރަނި އަދާކުރުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ހޯދުމަށް ލުއިގޮތްތަކެއް ތައާރަފުކޮށްފި އެވެ.

1996 އަހަރުން ފެށިގެން ހިންގަމުން އަންނަ ޕްރޮގްރާމަށް މިހާރުވަނީ ޕޭޕަލް އަދި ވެންމޯ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

Ad
rt

އެކްސިއޯސްގެ ރިޕޯޓެއްގައި ބުނާ ގޮތުން، މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން ލިބިފައިވަނީ އެންމެ 67.3 މިލިއަން ޑޮލަރެވެ. މިއީ ޖުމްލަ ދަރަނީގެ ނިސްބަތުން ވަރަށް ކުޑަ އަދަދެކެވެ.

ޓްރެޜަރީގެ ޕޭ.ގޮވް ޕްލެޓްފޯމްގައި "ޕަބްލިކް ޑެޓް ރިޑިއުސް ޑޮނޭޝަން" ގެ ނަމުގައި ވަކި ސެކްޝަނެއް ހުޅުވާލާފައިވާއިރު، އެމެރިކާގެ މިހާރުގެ ދަރަނި އަދާކުރުމަށްޓަކައި ކޮންމެ އެމެރިކާ ރައްޔިތަކު 100,000 ޑޮލަރު ހަދިޔާކުރަން ޖެހޭނެ ކަމަށް އެކްސިއޯސްއިން ހިސާބު ކޮށްފައިވެއެވެ.

މި ކަމާއި ގުޅޭގޮތުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، ގިނަ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިއީ ސީރިއަސް ހައްލެއް ނޫނެވެ. ޚާއްޞަކޮށް ގައުމުގެ ގިނަ ރައްޔިތުން ދިރިއުޅެމުންދަނީ މެދު ފަންތީގެ އާމްދަނީއެއްގައި ކަމަށްވާއިރު، މިފަދަ ހުށަހެޅުމެއް ހުށަހެޅުމަކީ ރައްޔިތުންގެ ހާލަތަށް ރިއާޔަތް ނުކުރާކަން ދައްކުވައިދޭ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

އިތުރުން، ސަރުކާރުގެ ޚަރަދުތައް އިތުރުވަމުންދާ މިންވަރަށް ބަލާއިރު، މި ފަދަ ޑޮނޭޝަންތަކުން ދަރަނި އަދާކުރުމަށް އެއްވެސް މާބޮޑު ކުރިއެރުމެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ. އަދި ވެރިކަމަށް އަންނަ ފަރާތްތަކުން ދައުލަތުގެ ހަޒާނާ ބޭނުން ހުރިގޮތަކަށް ބޭނުންކުރަމުން ދާއިރު ރައްޔިތުން ނިކުމެ ދައްކާ ދަރަނި ކުޑަވާތަނެއް ނުފެންނަ ކަމަށް ބުނެ ޓްރަމްގެ ސަރުކާރަށްވެސް ގިނަބަޔަކު ފާޑުކިޔާފައިވެއެވެ.