ސްރީލަންކާ ސަރުކާރުން ދިވެހިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދޫކުރުމަށް ނިންމައިފި އެވެ.
މި ނިންމުން ތަންފީޒު ކުރަން ފަށާނީ އަންނަ އޮގަސްޓް މަހުން ފެށިގެންނެވެ.
މިހާރު ދިވެހިންނަށް ލަންކާއަށް ދަތުރުކުރުމަށް ދެމުން އަންނަނީ އޮންއެރައިވަލް 30 ދުވަހުގެ ވިސާ އެވެ. އަދި ފީއެއް ދެއްކުމުން އެ މުއްދަތު ހަ މަސް ދުވަހަށް އިތުރުކޮށްދެ އެވެ. ނަމަވެސް މި އައު ބަދަލާ އެކު ދިވެހިންނަށް އެއް އަހަރު ދުވަހުގެ ވިސާ ލިބިގެންދާނެ އެވެ.
މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަށް ލަންކާގެ ނޫސްތަކަށް މަޢުލޫމާތު ދެމުން ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތު ހެރަތު ފާހަގަކޮށްފައިވެ އެވެ.
މި ނިންމުން ރަސްމީކޮށް އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މި މަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ސްރީލަންކާގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަސައްކަތުގެ ތެރެއިން، އެ ގައުމުން ވަނީ 40 ގައުމަކަށް ދޫކުރާ ވިސާއިން ފީ ނެގުން މިހާރު ހުއްޓާލާފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!