ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ފަސޭހަކަމާއެކު ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ އިންތިޒާމެއް ޤާއިމްކުރުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ' އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅުވާލެވި، ދެ ޤައުމުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވައި ލިބިގަތުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.
އެމްއެމްއޭގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޚިދުމަތް ތަޢާރަފްކުރުމަށް ވަނީ ދެ މަރުހަލާއެއް ކަނޑައަޅާފައެވެ. 2026 ވަނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ފުރަތަމަ މަރުހަލާގައި، ދެ ޤައުމުގެ ރައްޔިތުންނަށް ވަގުތުން ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. ދެވަނަ މަރުހަލާގައި، ވިޔަފާރި މުޢާމަލާތްތަކުގައި ކިއުއާރު ކޯޑް މެދުވެރިކޮށް ޕޭމަންޓް ހެދުމުގެ ޚިދުމަތް ތަޢާރަފްކުރެވޭނެއެވެ.
މި މަޝްރޫޢުގެ ދަށުން ދެ ޤައުމުގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުގައި އެ ޤައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރެވޭނެ މަގު ފަހިވެގެންދާނެއެވެ. އެންއައިޕީއެލްއިން މިފަދަ ޚިދުމަތްތައް ވަނީ ސިންގަޕޫރު، ސްރީ ލަންކާ އަދި ނޭޕާލް ފަދަ ޤައުމުތަކުގައިވެސް ތަޢާރަފްކޮށްފައެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ އިތުރަށް ތަރައްޤީކުރުމަށް، "ޕޭމަންޓް މޯލްޑިވްސް" ގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް އެމްއެމްއޭއިން ދަނީ ކުރިއަށެވެ. މި ކުންފުނިން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިޖާދީ ޕޭމަންޓް ޚިދުމަތްތައް ތަޢާރަފްކޮށް، މި މަސައްކަތް ވިލަރެސްކުރާނެއެވެ.
ދިވެހިރާއްޖޭގެ ޕޭމަންޓް ސިނާއަތް ކުރިއެރުވުމަށް އެމްއެމްއޭ އިން އިތުރަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ނެޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ. މި ސްޓޭންޑަޑް އެކުލަވާލުމުގެ މަޤްސަދަކީ ބޭންކްތަކާއި ޕޭމަންޓް ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް ހަމައެއްގެ މައްޗަށް ހެދިފައިވާ އިންޓައޮޕަރަބަލް ކިއުއާރު ކޯޑު ތަކަކަކަށް ހެދުމެވެ. މީގެ ސަބަބުން ބޭނުންކުރަން ފަސޭހަ އީޖާދީ ހިދުމަތްތައް ތައާރަފް ކުރުމަށް މަގު ފަހިވެގެންދާނެއެވެ.
އަދި ހަމަ އެޔާއިއެކު ފަވަރަ މެދުވެރިކޮށް ހަދާ ޕޭމަންޓްތައް އިތުރުކުރުމަށް މަގުފަހިވެ، ދެޤައުމުގެ ދެމެދުގައި ކުރާ ބައިނަލްއަޤްވާމީ މުޢާމަލާތްތަށްވެސް ފަސޭހައިން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ. މީގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަށް ފަސޭހަވެ، އެމްއެމްއޭ އިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ މާލީ ބައިވެރިވުން އިތުރު ކުރެވި، ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ލިބޭ ބާރަކަށް ވެގެން ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!