އޮންލައިންކޮށް ޖުވާކުޅުމާއި، ގޮތްނޭނގޭ ތަފާތު އިސްކީމުތަކުގައި ބައިވެރިވުމުގެ ނުރައްކާތެރިކަމާއި، މިފަދަ ޢަމަލުތަކަކީ އިންސާނާގެ ހަމަބުއްދިއަށް ގެއްލުންދީ، ޝައިޠާނާގެ ދަންތުރައިގައި ޖެހި، ދުނިޔެއާއި އާޚިރަތް ގެއްލެނިކޮށްފާނެ ކަންކަންކަމަށް މިއަދުގެ ހުތުބާގައި ހަނދާންކޮށްދީފި އެވެ.

މި ހުކުރު ދުވަހުގެ ހުތުބާގެ މަޢުލޫ އަކީ "ބުއްދި ޙިމާޔަތްކުރުމުގެ މުހިންމުކަން" މި މަޢުލޫއެވެ. ހުތުބާގައި ބުއްދި ރައްކާތެރިކުރުމަކީ އިސްލާމްދީން ބާވައިލެއްވުނު މައިގަނޑު މަޤްޞަދުތަކުގެ ތެރެއިން އެއް މަޤުޞަދުކަމަށް ބަޔާންކުރައްވާފައިވެއެވެ. ބުއްދި ރައްކާތެރިކުރުމުގެ މުރާދަކީ އިންސާނާގެ ބުއްދިއަށް ގެއްލުންވެދާނެ އެންމެހައި ކަންކަމާ ދުރުކޮށް، އިންސާނާ ރައްކާތެރިކުރުމެވެ.

Ad
rt

މާތް ﷲ އިންސާނާ އެހެން މަޚްލޫޤާތުތަކުގެ މައްޗަށް މާތްކުރެއްވީ، އެ އިންސާނާއަށް ދެއްވި ވިސްނުމާއި ބުއްދީގެ ބާރުންނެވެ. ހަމަ އެފަދައިން، އިންސާނާގެ އުފެއްދެވުމާއި ޞޫރަކުރެއްވުން އެހެން މަޚްލޫޤުންނަށްވުރެ ފުރިހަމަވެގެންވާކަމަށް ހުތުބާގައި ފާހަގަކުރެވުނެވެ.

އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި ޞޫރައިގައި އިންސާނާ ހެއްދެވީމެވެ." އިންސާނާއަށް ދެއްވި ބުއްދީގެ ސަބަބުން ހެޔޮނުބައި، ޙައްޤާއި ބާޠިލު ވަކިކޮށް ދެނެގަތުމުގެ ގާބިލިއްޔަތު ލިބިފައިވާކަމަށް ވެސް ހުތުބާގައި ބުނެވުނެވެ. އަދި ބުއްދިއަކީ އިންސާނާއަށް ޝަރުޢީ ޙުކުމްތަކުން ތަކުލީފު ލިބިގެންވާ ސަބަބުވެސްމެއެވެ.

ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައި ވެއެވެ. (رُفِعَ الْقَلَمُ عَنْ ثَلَاثَةٍ: عَنِ النَّائِمِ حَتَّى يَسْتَيْقِظَ، وَعَنِ الصَّبِـيِّ حَتَّى يـَحْتَلِمَ، وَعَنِ الْـمَجْنُوْنِ حَتَّى يَعْقِلَ) މާނައީ: "ތިން މީހެއްގެ މަތީން ގަލަން އުފުލިގެންވެއެވެ. (އެބަހީ: އޭނާގެ މައްޗަށް ކުށެއް ނެތެވެ.) ނިދައިފައި އޮތް މީހާ ހޭލުމާއި، ކުޑަކުއްޖާ ބާލިޣުވުމާއި، ބުއްދި ފިލައިގޮސްފައިވާ މީހާ ބުއްދި ހަމަޖެހުމަށް ދާންދެނެވެ." ހުތުބާގައި އިތުރަށް ބަޔާންކުރައްވަމުން ވިދާޅުވިއެވެ.

މާތް ﷲ އިންސާނާއަށް ބުއްދި ދެއްވައިފައި، ކައުނުގައި ތަފާތު ހެކިތައް ލައްވައި، ފޮތް ބާވައިލައްވައި، އެ ހުރިހައި ކަމަކާ މެދު ވިސްނައި ފިކުރުކުރުމަށް އަމުރުކުރެއްވިއެވެ. އަދި ހެޔޮ ގޮތުގައި ބުއްދީގެ ބޭނުންހިފާ މީހުންނަށް މާތް ﷲ މަދަޙައިގެ ބަސްފުޅު ވަޙީކުރައްވާފައި ވެއެވެ.

"ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ އަހުލުވެރީންނަށް ކަށަވަރުވެގެން ހުރި ހެކިތަކެއްވެއެވެ."

މާތް ﷲ އިންސާނާއަށް ދެއްވި ބުއްދީގެ ނިޢުމަތް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން އިންސާނިއްޔަތު ކުރިއަރައިފައިވަނީ ކިހާ ވަރަކަށްކަން ފާހަގަކުރައްވައި، ސައިންސާއި ފަންނިއްޔާތާއި ތަފާތު އެކިއެކި ދާއިރާތަކުގައި އިންސާނާ ހޯދައިފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުވައިލެވުނެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތުގައި ޢިލްމު އުނގެނުމަށާއި، ޢިލްމީ ދިރާސާތައްކުރުމަށާއި، ދުނިޔެއާއި އާޚިރަތުގެ ލާބަޔާއި މަންފާ ލިބިގަތުމަށް މަސައްކަތްކުރުމަށް އަންގަވާފައިވާކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވަނީ ދިވެހި ކުޑަކުޑަ މުސްލިމު މުޖުތަމަޢުގައި އިންސާނާގެ ހަމަބުއްދިއަށް އަސަރުކުރާ ފަދަ ނޭއްގާނީ ޢަމަލުތައް ކުރާކަމީ ހިތާމަކުރާންޖެހޭ ކަމެއްކަމަށް ފާހަގަކުރައްވާފައެވެ. މި ވަގުތީ ޙަޔާތުގައި ވަގުތީ ހިތްހަމަޖެހުމަކާއި ފައިސާގެ ދަހިވެތިކަމުގައި މި ފަދަ އެއްޗެހި ވިއްކާ މީހުންނާއި ބޭނުންކުރާ މީހުން، މާތް ﷲ އެބައިމީހުންގެ ޢަމަލުތަކަށް ބައްލަވައިވޮޑިގެންވާކަމާ މެދު ޣާފިލުނުވުމަށް ނަސޭހަތްތެރިވެފައި ވެއެވެ. ޣާފިލުކަންމަތީގައި ވަނިކޮށް، ކުއްލިއަކަށް މަރު އައިސް ބައްދަލުކޮށްފާނެކަމާ މެދު ބިރުވެތިވުމަށް ހަނދާންކޮށްދެއްވިއެވެ.

ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައި ވެއެވެ. (لَا تَزُوْلُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ أَرْبَعِ خِصَالٍ : عَنْ عُمُرِهِ فِيْمَا أَفْنَاهُ، وَعَنْ شَبَابِهِ فِيْمَا أَبْلَاهُ، وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيْمَا أَنْفَقَهُ، وَعَنْ عِلْمِهِ مَاذَا عَمِلَ فِيْهِ). މާނައީ: "ޤިޔާމަތްދުވަހު ހަތަރު ކަމަކާ މެދު ސުވާލުވެވިއްޖައުމަށް ދާންދެން އަޅާގެ ފައިތިލަ ހިސާބު ބެއްލެވުމަށް ހުރި ތަނުން ގުޑުވައެއް ނުލެވޭނެއެވެ. އޭނާގެ ޢުމުރު ފަނާކުރި ގޮތާއި، ޒުވާންކަން ހޭދަކުރި ގޮތާއި، މުދާ ހޯދި ގޮތާއި، އެ މުދާ ހޭދަކުރި ގޮތާއި، އޭނާއަށް ލިބިފައިވާ ޢިލްމު ބޭނުންކުރި ގޮތާ މެދުގައެވެ."

ވަލުޖަނަވާރުންނާއި އިންސާނާ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ، މާތް ﷲ އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ނިޢުމަތެވެ. ހުތުބާގައި ބުނެވުނު ގޮތުގައި، މާތް ﷲ އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފައި، ތިމާގެ ހަވާނަފްސަށް ހެއްލި، ހިތުހުރި ގޮތަކަށް އުޅޭ އިންސާނާ ވެއްޓިފައިވަނީ ހަޤީގަތުގައި ވެސް ވަލުޖަނަވާރުންނަށްވުރެ ދަށު ދަރަޖައަކަށެވެ.

މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ނުވަތަ އެއިގެތެރެއިން ގިނަމީހުން އަހާކަމަށް، ނުވަތަ ވިސްނާކަމަށް، ކަލޭގެފާނު ހީފުޅުކުރައްވަމުތޯއެވެ؟ ޖަނަވާރުތަކެއް ފަދައިން މެނުވީ، އެއުރެން ނުވެތެވެ. އަދި ކިއެއްތަ! އެއަށް ވުރެ ވެސް އެއުރެންގެ މަގުފުރެދުން ބޮޑެވެ."

ވީމާ، މުސްލިމު އަޚުންނަށް ނަސޭހަތްތެރިވެ، މިފަދަ ނުރައްކާތެރި ޢަމަލުތަކުން ދުރުހެލިވެ، ހަމަބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުތުބާގައި ގޮވާލެއްވިއެވެ.