މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް ހަމަޖައްސާފައިވާ މިނިމަމް ރިޒަރވް ރިކުއަރމަންޓް (އެމްއާރްއާރް) %7.5 އިން %5.0 އަށް ދަށްކޮށްފިއެވެ.
އެމްއެމްއޭ އިން ބުނީ، މި ބަދަލަށް ޢަމަލުކުރަން ފަށާނީ 24 ޖުލައި 2025 އިން ފެށިގެންކަމަށެވެ.
މި ބަދަލަކީ އޮކްޓޯބަރު 2024 ގައި އެމްއެމްއޭ އިން ލިކުއިޑިޓީގެ ދަތިކަމަށް ޙައްލު ހޯދުމަށް އެމްއާރްއާރް %10 އިން %7.5 އަށް ދަށްކުރުމަށްފަހު، ބޭރު ފައިސާގެ އެމްއާރްއާރްއަށް ގެނެވުނު ފުރަތަމަ ބަދަލެވެ. އެހެންނަމަވެސް، ދިވެހި ރުފިޔާގެ ރިޒަރވް ރިކުއަރމަންޓް ވަނީ %10 ގައި ހިފަހައްޓާފައެވެ.
އެމްއެމްއޭ އިން މި ބަދަލު ގެނެސްފައިވަނީ ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިތަކަށް އިތުރު ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ. މި ބަދަލުގެ ސަބަބުން ބޭންކުތަކަށް ވަގުތުން ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ލޯނު ދިނުމަށް ޓަކައި ލިބިގެންދާނެ ކަމަށް އެމްއެމްއޭ އިން މަޢުލޫމާތު ދެއެވެ.
އެމްއާރްއާރް އަކީ ބޭންކިންގ ނިޒާމުގެ ތެރޭގައި ދައުރުވާ ލިކުއިޑިޓީ މެނޭޖްކުރުމަށް މަރުކަޒީ ބޭންކުތަކުގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގެންގުޅޭ ވަޞީލަތެކެވެ. މިގޮތުން ހުރިހާ ވިޔަފާރި ބޭންކުތަކުން މަރުކަޒީ ބޭންކުގައި ކަނޑައެޅިފައިވާ މިންވަރެއް ރިޒަރވްގެ ގޮތުގައި ބަހައްޓަންޖެހެއެވެ.
އެމްއެމްއޭ އިން މި ބަދަލު ގެނައުމުގެ މަޤްޞަދަކީ ބޭންކިންގ ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކޮށް، ބޭރު ފައިސާގެ ލޯނު ދޫކުރުމަށް އިތުރަށް މަގުފަހިކޮށްދިނުމެވެ. މީގެ ސަބަބުން އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ކުރިއަރައި، ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!