މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަތަރު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ މި ޖުލައި މަހުގެ 23 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ގަލޮޅު ސަރަހައްދުގެ ދެ ގެއެއް ބަލައި ފާސްކުރެވުނެވެ.

Ad
rt

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގުނު މި އޮޕަރޭޝަނުގައި ބަލައި ފާސްކުރެވުނު ގެއަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ގއ. ނިލަންދޫ / މާޑު، މުޢާވިޔަތު އަޙްމަދު (30އ) ވަނީ ހައްޔަރުކުރެވިފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.