މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް މިއަދު އާންމުކޮށްފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މި ލިސްޓް އާންމުކުރުމާއެކު ޝަކުވާ އަށް ވެސް ވަނީ ހުޅުވާލާފައެވެ.

Ad
rt

މިގޮތުން މި ލިސްޓާމެދު ޝަކުވާއެއް އޮތްނަމަ އަންނަ އޯގަސްޓް މަހުގެ 3 ވަނަ ދުވަހު 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހަޅަން އެ މިނިސްޓްރީން ވަނީ ފުރުސަތު ދީފައެވެ.

މިއަހަރު ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 500 ފުރުޞަތަށް ޖުމްލަ 1338 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މި ދަރިވަރުންގެ ތެރެއިން ލޯނަށް ޝަރުތު ހަމަވަނީ 806 ދަރިވަރުންނެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާއެކު މި ލޯނަކީ އިންޓްރަސްޓް ފްރީ ލޯނެކެވެ. އަދި މި ލޯނަށް އެޑްމިނިސްޓްރޭޓިވް ފީވެސް ނުނަގާނެއެވެ.

ސަރުކާރުން ދޭ ސްޓޫޑަންޓް ލޯނު ލިބިގެން މިހާރު ވެސް 1642 ދަރިވަރަކު ކިޔަވަމުން އެބަދެއެވެ. މި ލޯނަށަ މި އަހަރުގެ ޖުލައި 20 ގެ ނިޔަލަށް 982،739،621.43 ވަނީ ޚަރަދުކޮށްފައެވެ.