ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ޕައިލެޓުންނަށް މުސާރަ ދިނުމަށް ގެނައި ބަދަލާ ގުޅިގެން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ހުއްޓާލަން އުޅޭކަމަށް ވާހަކަ ދެކެވޭ މައްސަލައިގައި ޓްރެވަލް އެޖެންޓުންގެ ގައުމީ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޓީއެމްއޭގެ ޕައިލެޓުންގެ މުސާރަ ދިނުމުގެ އުސޫލަށް ގެނައިބަދަލާއެކު ޕައިލެޓުންގެ މުސާރައިގެ %20 ދިވެހި ރުފިޔާއިން ދޭގޮތަށް ވަނީ ނިންމާފައެވެ.
މި ނިންމުމާއި ގުޅިގެން އަންނަ ހޮނިހިރު ދުވަހު ޓީއެމްއޭގެ ޕައިލެޓުން ސީޕްލޭންގެ ދަތުރުތަކަށް ނުނުކުންނަން ނިންމާފައިވާކަމަށް ވަނީ އަޑުތައް ވަނީ ފެތުރިފައެވެ.
މިކަމާއި ގުޅިގެން މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނީ ޓީއެމްއޭއަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ލޮޖިސްޓިކްސްގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއްކަމަށެވެ. ދަތުރުތައް ހުއްޓާލައިފިނަމަ ރާއްޖޭގެ އިގްތިސޯދުގެ ބިންގާ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށާއި، ދަތުރުވެރިން ތާށިވެ، ލޮޖިސްޓިކް މައްސަލަތައް ކުރިމަތިވެދާނެ ކަމަށް ވެސް މަޓާޓޯއިން ފާހަގަކުރެއެވެ.
މަޓާޓޯއިން އިތުރަށް ބުނީ މިއީ ހަމައެކަނި އެތެރޭގެ ހަމަނުޖެހުމެއް ނޫން ކަމަށާއި، ގައުމީ ފަތުރުވެރިކަމުގެ ނިޒާމަށް ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއް ކަމަށެވެ.
އެހެންކަމުން ޓީއެމްއޭގެ މެނޭޖްމަންޓާއި، ޕައިލެޓުންނާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަގުތުން މަޝްވަރާކޮށް، އޮޕަރޭޝަނަލް ހުރަހެއް ކުރިމަތިވިޔަ ނުދިނުމަށް ހައްލެއް ހޯދުމަށް މަޓާޓޯއިން ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!