ވީ ދެރައިންނާއި އައި ރުޅިން ސާމިހް ފޯނު ކަނޑާލިއެވެ ރޮއިރޮއި އިން ސާޔާއަށް ދެ ލޯ ހުޅުވާލެވުނީ އާދިލް އައިސް އޭނާގެ ދެ ކޮނޑުގައި ހިފަހައްޓާލުމުންނެވެ. ވަރުބަލިވެ، ދުޅަވެފައިވާ ލޮލަކުން ސާޔާ އާދިލްއަށް ބަލައިލިއެވެ. ދާދިގާތުން އޭނާއަށް އާދިލްގެ މޫނު ފެނުމާއެކު ކެތްތެރިކަން ކޮޅުންލީ ކަހަލައެވެ. ހިތްވަރާއި ހިމާޔަތް ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ސާޔާއަށް ބޭ އިހްތިޔާރުގައި އާދިލްގެ މޭގައި މޫނު ޖައްސާލެވުނެވެ.
" ނުރޮއި... ހިތްވަރުކުރޭ. " އޭނާ ބުނެލީ ސާޔާގެ ބޮލުގައި ފިރުމާލަމުންނެވެ.
އެ ދުވަހު ސާޔާއަށް އެންމެ ހިތްވަރު ދިނީ އާދިލްއެވެ. އެނގެނީ ހަމައެކަނި ނަމެވެ. ނަމަވެސް އެ ނަމުން ފުއްދާލައިގެން އޭނާ ހިތްހަމަ ޖެހުން ހޯދިއެވެ. މަންމަގެ އެކަނިވެރިކަން ފިލުވައިދިނުމަށް ސާޔާ ކޮޅަށް ހުންނަން ޖެހޭނެކަން އޭނާއަށް ބުނެދިނީ އާދިލްއެވެ. ހަސަން ވަކިވުމަށްފަހު މަރިޔަމްގެ މިލާމޯޅިވެފައިވާ މޫނުމަތިން ފުރަތަމަ ފަހަރަށް ހިނިތުންވުން ގެނުވީ ވެސް ހަމަ އާދިލްއެވެ.
އޭނާއަކީ އެއް އަހަރު ދުވަހުގެ ބޮންޑެއް ފުރިހަމަ ކުރުމަށްޓަކައި، އައިސް އެ ރަށު ސްކޫލްގައި މަސައްކަތް ކުރާ މުދައްރިސެކެވެ. އާދިލްއާއި ސާޔާގެ ގުޅުން ބަދަހިވަމުން ދިޔައީ މަޑުމަޑުންނެވެ. އެ ކަން ވެގެން ދިޔައީ ސާޔާއަށް އޭނާގެ މާޒީ ހަނދާން ނައްތާލަން ވެސް ނުހަނު ފަސޭހަ ކަމަކަށެވެ. އާދިލްގެ އޯގާތެރިކަމަށް އޭނާ ހިތް ދަމައިގަތީ ހުދު އޭނާއަށް ވެސް ނޭނގި ހުއްޓައެވެ.
" ސާޔާގެ މަންމަ ރުހުން ދީފިއްޔާ އަހަރެންގެ އަނތްބަކަށް ސާޔާ ހަދަން ބޭނުން." އާދިލް ވާހަކަ ދެއްކީ މަރިޔަމްގެ ބޮލުގައި ފިރުމާލަމުންނެވެ
މަރިޔަމްގެ މޫނުމަތިން ފެނުނު އުފާވެރިކަމުން ސާޔާގެ ރޫހަށް ދިރުން ގެނުވި ފަދައެވެ. އޭނާގެ ހުރިހާ އުފަލެއް ވެސް ގުޅިފައިވަނީ ހަމައެކަނި މަންމައާއެވެ. އޭނާގެ ފުރަތަމަ ކައިވެންޏާއި ކިޔެވުން ވެސް އޭނާ ގުރުބާން ކުރީ ހުދު މަންމައަށްޓަކައެވެ.
" ސާޔާ ހިތްހަމަ ޖެހެންޏާ، މަންމަ ނޫނެކޭ ނުބުނާނެއެއްނު." މަރިޔަމް ދިނީ ފިނި ޖަވާބެކެވެ.
އެ ވަގުތު އާދިލް ހީލަމުން ސާޔާއަށް ބަލައިލިއެވެ. ސާޔާއަށް ލަދުން އިސްޖަހާލެވުނީ މަންމަގެ ގައިގައި ބައްދާލަމުންނެވެ.
" މަންމާ! މަންމާ! " ބޭރުން އިވުނު އަޑަށް އެކަކު އަނެކަކުގެ މޫނަށް އެންމެންނަށް ވެސް ބަލައިލެވުނެވެ.
އެ އުފާވެރި މޫނުތަކަށް ހައިރާންކަމާއި ނުތަަނަވަސްކަން ގެންނާކަށް މާ ގިނައިރުތަކެއް ނުނެގިއެވެ.
ސާޔާ ބޭރަށް ނިކުތް އިރު، ތުއްތު ކުއްޖަކު ގޮވައިގެން އައިސް ހުރީ އޭނާގެ ދޮންބެ ސާމިހުއެވެ. ހައިރާންވެފައި ހުރި ސާޔާއަށް ފަރާތްފަރާތް ބަލައިލެވުނީ ރައުދާ ހުރިތޯއެވެ. ނަމަވެސް ސާމިހްގެ މޫނުމަތީގައި ހުރި މާޔޫސްވެރިކަމުގެ ސަބަބުން އެއްވެސް ކަމެއް ރަނގަޅު ނޫންކަން ސާޔާއަށް އެނގުނެވެ.
" ދޮންބެ؟ ބޭބީތަ؟" ސާޔާ އެހެން ބުނެ ސާމިހްއާ ދިމާލަށް ދުއްވައިގެތެވެ.
އޭރު މަރިޔަމްގެ އަތުގައި ހިފައިގެން އާދިލް ވެސް ނިކުމެއްޖެއެވެ. މަރިޔަމްގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ ސާމިހްގެ މޫނަށެވެ. މަރިޔަމް ފެނުމާއެކު ބާރުބާރަށް އައިސް ސާމިހް، މަރިޔަމްގެ ގައިގައި ބައްދައިގަތެވެ.
" އަހަންނަށް މައާފްކުރޭ މަންމާ." ސާމިހްއަށް އެހެން ބުނެވުނު އިރު އޭނާއަށް ރޮވިއްޖެއެވެ.
ތުއްތު ދަރިފުޅު އުރާލައިގެން ހުރެ ސާޔާ ވެސް ސާމިހްއަށް ބަލަމުން ދިޔައެވެ. ސާމިހްގެ ބުރަކަށީގައި އަތް ޖައްސާލައިގެން މަރިޔަމް ހުރީ ދެ ލޯ މަރައިގެންނެވެ. ދަރިފުޅުގެ އަޑުގައި ހުރި ހިތާމަތައް އޭނާގެ ހިތަށް ފޯރި ކަހަލައެވެ.
" އަހަންނަށް މައާފްކުރޭ މަންމާ. އަހަންނަށް މަންމަގެ ހިތުގައި ޖެއްސުނީތީ މިއަދު ހިތާމަ ކުރަން." އަނެއްކާ ވެސް ސާމިހް ބުންޏެވެ.
ސާމިހްގެ ހަރަކާތްތަކަށް ބަލަން ހުރެ ސާޔާ އާދިލްއަށް ބަލައިލިއެވެ. އެ އާއެކު މަޑުމަޑުން ހުރުމަށް އާދިލް ސާޔާއަށް އިޝާރާތްކޮށްލިއެވެ. އެ މީހުންނަށް ވަގުތު ދީގެން ސާޔާއަށް ހުރެވުނީ ކުޑަ އިރުކޮޅެކެވެ.
" ކޮބާ ދައްތަ؟" ސާޔާ އެހިއެވެ.
ސާޔާގެ އަޑަށް މަންމަގެ ގައިން ދޫކޮށްލުމަށްފަހު، ސާމިހް ފަސް އެނބުރި ބަލައިލިއެވެ. އޭރު އޭނާގެ މޫނުމަތީގައި ހުރި ހިތާމަތަކުން ސާޔާއަށް އެ މޫނަށް ބަލަން އުނދަގޫވިއެވެ. އެހީތެރިކަމާއި އޯގާތެރިކަން އޭނާ ބޭނުންވެފައިވާ މިންވަރު ސާޔާއަށް އިހްސާސްވިއެވެ.
" އޭނައަށް މި ދަރިފުޅު ނުބެލުނު. ވިހާފައި އަދި ދެ މަސް ނުވެ. ނުނިދޭތީ ރުޅި އަންނަން ފެށީ. ދަރިފުޅު ބަލަން މެއިޑެއް ގެންނަން ބުނީ. އަހަރެން ރުޅި އައީމަ ދަރިފުޅާއެކު އަަހަރެން ވެސް ނިކުންނަން ބުނީ. އަހަރެން މި އައީ އޭނަ ވަރިވެސް ކޮއްފަ. މަންމާ! އަހަރެން ބޭނުމީ ދެން މަންމައާއެކު އުޅެން." ސާމިހް ބުންޏެވެ.
އެއާއެކު މަރިޔަމްއަށް ރޮވުނެވެ. ދާދި ގާތުގައި ހުރި އާދިލް މަރިޔަމްގެ ގައިގައި ހިފަހައްޓާލުމާއެކު މަރިޔަމް އާދިލްގެ ގައިގައި ލެނގިލިއެވެ.
" މަންމަމެންނަކީ އެއްވެސް ބަޔަކަށް ނެހެދި ދުވަސްތަކެއް ވެސް ދުށިން. އެކަމަކު މައިންބަފައިން ދުނިޔޭގައި ހުރިހާ ހިނދަކު،ކިތަންމެ މުސްކުޅިވެ ގައިބާރު ދެރަ ވިޔަސް އެ މީހުން އެ ތިބެނީ ދަރިންގެ އިންތިޒާރުގައި. ހިދުމަތް ކޮށްދޭ ހިތުން، ދަރިންނަށް ހޭހަން ކޮށްދޭން ތައްޔާރަށް." މަރިޔަމް ބުނެލީ މަޑުމަޑުންނެވެ.
" ދެން ތިހެން ނުކިޔާ މަންމާ. އަހަރެން ދެރަވޭ." ސާމިހް ބުންޏެވެ.
" ކިޔާކަށް ބޭނުމެއް ނުވެޔޭ ދަރިފުޅާ. ދަރިފުޅު ދެރަވާކަށް ވެސް ބޭނުމެއް ނުވެ. ދަރިފުޅުމެން ހިތާމަ ކުރާކަށް ވެސް ބޭނުމެއް ނުވެ. އެކަމަކު މިއަދު މި ދެރަވަނީ، މި ދުވަސް ދެކެން ބައްޕަ ނެތީމަ. ދަރިފުޅުމެންނާ ހެދި ބައްޕަ ކުރި ހިތާމަ މަންމަ ދުށިން."މަރިޔަމް ބުންޏެވެ.
ލޮލުން ފާއްދާލި ކަރުނަތައް ފުހެލަމުން މަރިޔަމް އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ. ހީވަނީ ހިތުގައި ރައްކާކޮށްގެން ހުރި ހުރިހާ ވާހަކަތަކެއް ބޭރު ކުރަން ބޭނުންވެފައި ހުރިހެންނެވެ.
" މަންމަމެން ގުޅީމަ ފޯނު ނުނަގާ ކިތަންމެ ދުވަހެއް ދިޔަ. ފަހުން ވެސް އަދި ނުގުޅާނެ. ކަމެއްގެ ވާހަކަ އެދުނީމަ އުޒުރު ދެއްކުމާއި ބަހަނާ ދެއްކުމަކީ ދަރިންނަށް ނުހަނު އާދައިގެ ކަމެއް. މަންމަމެންގެ ކަމެއްގައި ވިއްޔާ ކަންފަސޭހަ ކޮށްލަނީ. މަންމަމެންނަށް ކުރާނެ އަސަރު ތި ކުދިންނަށް އެ ދުވަހަކު ނުވިސްނުނު. މިއަދު މި އުމުރުގައި ތިޔަ ކުދިންގެ އެހީތެރިކަމާއި ލޯބި ފިޔަވައި މަންމަމެން ބޭނުންވާނީ ކޮންއެއްޗެއް؟ މުދަލެއް، ފައިސާއެއް ބޭނުމެއް ނޫނޭ. ތި ކުދިން ލޯބިން ބުނެލާ ބަހަކުން ވެސް މުޅި ދުވަސް އުފާވެރިކުރުވާ. ބައްޔޭ ބުނީމަ ޑޮކްޓަރަށް ދައްކާށޭ ބުނީމަ އެ ވީ. ބޭސްކާށޭ ބުނީމަ އެ ނިމުނީ. އެއެއް ނޫނޭ މަންމަމެން ބޭނުންވާ އޯގާތެރިކަމަކީ. ދުރުގައި ހުރިއްޔާ އަވަސް އަވަހަށް ހާލު ބަލަން ވާނެ. ކައިރީގައި ހުރިއްޔާ ޑޮކްޓަރަށް ދައްކައިދީ، ބޭސް ކައިފިތޯ ބަލަން ވާނެ. އެއީ މަންމަމެން ބޭނުންވާ އަޅާލުމަކީ. " އެއްފައްޗަކަށް ވާހަކަތައް އަމުނާލުމާއެކު މަރިޔަމް ވަރުބަލި ވެއްޖެއެވެ.
އޭނާ ކެއްސައިގަތުމާއެކު ސާމިހް އަވަސް އަވަހަށް މަންމަގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. އޭރު ސާމިހްގެ ދެ ލޮލުން ކަރުނަތައް ފައިބަމުން ދެއެވެ.
" މަންމާ. ދެން ހެޔޮ! މަންމައާމެދު ކަންތައް ކުރެވުނު ގޮތް އަހަރެންގެ ހިތަކުން ނުދެޔޭ. އަހަންނަށް އެނގެޔޭ. ވަކިވަކިން ހުރިހާ ކަމެއް އަހަރެން ވެސް ހަނދާން ހުރެޔޭ." ސާމިހް ބުންޏެވެ.
" މަންމަ ހުރިހާ ކުދިންނަށް ވެސް ވަރަށް ހިތް ހެޔޮ.ހާނިމް ކައިރީ ވެސް ބުނެލާތި މަންމަ އަބަދުވެސް ހާނިމްއަށް ހިތްހެވޭ." ތުރުތުރުއަޅާ އަޑަކުން މަރިޔަމް ބުންޏެވެ.
" މަންމަ ގޮވައިގެން ގެއަށް ވަންނަން ހިނގާ ސާޔާ." މަރިޔަމްގެ އަތުގެ މުލައްދަނޑީގައި ހިފަމުން އާދިލް ބުނެލިއެވެ.
މަރިޔަމްގެ އަތުގައި ހިފައިގެން އާދިލް އެތެރެއަށް ވަނެވެ. އެއާއެކު ސާޔާއަށް ބަލައިލެވުނީ ސާމިހްގެ މޫނަށެވެ. އޭރު ސާޔާގެ ދެ ލޮލުން ވެސް ފެންތައް ފައިބަމުން ދެއެވެ.
" ދުނިޔޭގެ ކިތަންމެ އުފަލަކާއި ލައްޒަތެއް ލިބުނަސް، މައިންބަފައިން ހިތުގައި ޖައްސައިފި ހިތަކަށް މި ދުނިޔޭގައި ވެސް ހަމަޖެހުމެއް ނުލިބޭނެ. ކިތަންމެ އަރާމެއްގައި ވެސް އުޅެވިދާނެ. އެކަމަކު... އެ މީހުންގެ ހިތަށް އަހަރެމެންނާ ހެދި ބުރަކަމެއް ވެރިވެއްޖެނަމަ ހުދު އަހަރެމެންނަށް އުފާވެރިކަމެއް ނެތް. މިތާ ވެސް އަދި އާޚިރުގައިވެސް. " ސާޔާއަށް އެހެން ބުނެވުނީ ނުހަނު ބާރަށެވެ.
ގޮތް ހުސްވެފައި ހުރި ސާމިހްއަށް އިސްޖަހާލެވުނީ ލަދުވެތިކަމާއެކުއެވެ. އެއީ ތެދެއްކަން އިހްސާސް ކުރެވުނު ނަމަވެސް ވަގުތު ފާއިތުވެއްޖެ ކަމުގެ އަސަރުތައް އޭނާގެ ހިތުގައި ކެކި އަރަމުންދެއެވެ.
އެތެރެއަށް ވަތް ގޮތަށް މަރިޔަމް ބޭނުންވީ އެކަނިވެލާށެވެ. އުފާވެރިކަމެއް އޭނާއަށް ނުލިބުނުތާ ދަރިންގެ ދިރިއުޅުމަށް ވެސް މުޅިން މެދުވެރިވަނީ ދެރަ ގޮތްގޮތޭ އޭނާގެ ހިތަށް އެރިއެވެ. އެ ހިތްދަތި ހިޔާލްތަކުގައި އޮއްވާ އޭނާގެ ދެ ލޮލަށް ވަރުބަލިކަމާއެކު ނިދި ސަވާރުވާން ފެށިއެވެ. ނަމަވެސް މެރެމުން ދިޔަ ދެ ލޯ ގަދަކަމުން އޭނާ ހުޅުވާލިއެވެ. ހަސަން ބޯ އަޅާ ބާލީހަށް ބަލައިލަމުން އޭނާ މަޑުމަޑުން އެ ބާލީސް އޭނާ އާ ކައިރިކޮށްލިއެވެ. ތުރުތުރުއަޅާ އަތަކުން އެ ބަލީހުގައި ފިރުމާލުމާއެކު ތުންފަތް ފިތި އޭނާއަށް ގިސްލެވެން ފެށުނެވެ.
" އަހަންނަށް ވުރެ މާ ކުރިން ތި ދިޔައީ. ބަލި މީހާ ހުއްޓާ، ގަދަވެ ސަލާމަތުން ހުރި މީހާ ތި ދިޔައީ. ދުނިޔެއަކީ ކިހާ ކެހިވެރި ތަނެއްކަން އެނގެއެއްނު. އަހަރެން ވެސް ގޮވައިގެން ދިޔަ ނަމަ..." އެހެން ބުނެ މަރިޔަމް އެ ބާލީހުގައި މޫނު ޖައްސާލިއެވެ.
ނިދެމުން ދިޔައިރު ވެސް އޭނާގެ ހިތުގައި ތާޒާކަމާއެކު ހަސަންގެ ފޮނި ހަނދާންތައް އާލާވަމުން ދިޔައެވެ. ޒުވާން އުމުރުގެ އެންމެ ކުރީގެ ހަނދާންތަކުން ފެށިގެން ގައިބާރުދޫވެ އެކަނިވެރިވީ ދުވަސްތަކާ ޖެހެންދެނެވެ. އެންމެ ފަހުން ހަސަން ނިޔާވުމަށްފަހު އޭނާގެ މޫނު އެޅި މަންޒަރު ހިތަށް ސިފަވުމާއެކު މަރިޔަމްއަށް ސިހިފައި ލޯ ހުޅުވާލެވުނެވެ. ދުނިޔޭގައި ހަސަން ފެންނަން އޮތް އެންމެ ފަހު ވަގުތުކޮޅު، ހަސަންގެ މޭގައި މޫނު ޖައްސައިގެން އޮވެ އެ ދުވަހު އޭނާ ރުއި ވަރަށް މިހާރު ވެސް އެބަ ރޮވެއެވެ.
ހިތްވަރުކޮށްފައި ދެ އަތުން މޫނު ފުހެލީ ތުންފަތް މައްޗަށް ގަދަކަމުން ހިނިތުންވުން ވެރިކުރުވަމުންނެވެ. ދުނިޔެއިން ލިބޭނެ އެންމެ ފޮނި އުފަލަކަށް މިހާރު އޭނާ ބޭނުންވަނީ ދަރިންގެ ފަރާތުން ލޯތްބާއި ކުލުނެވެ. އަޅާލުމާއި އޯގާތެރިކަމެވެ. އެ އުފާވެރިކަން ލިބޭނެ ކަމުގެ ކުޑަ އުއްމީދެއް އޭނާގެ ހިތަށް ވެރިވުމާއެކު އޭނާއަށް ބަލައިލެވުނީ އަނެއްކާ ވެސް ހަސަން ބޯ އަޅާ ބާލީހަށެވެ. އެ ވަގުތު ހަސަންގެ އުފާވެރި ހިނިތުންވުން އޭނާއަށް ފެނުނު ކަހަލައެވެ.
ނިމުނީ-
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!