އެމެރިކާގެ އެލާސްކާގެ ޖަޒީރާ ސަރަހައްދަކަަށް މިއަދު އައި ވަރުގަދަ ބިންހެލުމަކާ ގުޅިގެން ސުނާމީގެ އިންޒާރު ދީފިއެވެ.
އެމެރިކާގެ ނެޝަނަލް ވެދަރ ސަރވިސްއިން ބުނީ މި ބިންހެލުމަކީ ރިކްޓަރ މިންގަނޑުން 7.3 މެގްނިޓިއުޑް ރެކޯޑްކުރެވުނު ބިންހެލުމެއް ކަމަށެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އިން ހާމަކުރި ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ސޭންޑް ޕޮއިންޓުން 54 މޭލު ދެކުނުގައެވެ. ސޭންޑް ޕޮއިންޓަކީ އެލާސްކާގެ އެންމެ ބޮޑު ސިޓީ އެންކަރޭޖުން 600 މޭލު ދެކުނު-ހުޅަނގުގައި އޮންނަ ޕޮޕޮފް ޖަޒީރާގެ ހުޅަނގު އުތުރުގައި އޮންނަ ސަރަހައްދެކެވެ.
ބިންހެލުމާ ގުޅިގެން ވަގުތުން ސުނާމީގެ އިންޒާރު ދިނުމަށްފަހު، ކައިރި ސަރަހައްދުތަކުގެ ރައްޔިތުންނަށް ރައްކާތެރި ތަންތަނަށް ދިއުމަށް އިރުޝާދު ދީފައިވެއެވެ. ނަމަވެސް ފަހުން މި އިންޒާރު ވަނީ އެޑްވައިޒަރީއަކަށް ދަށްކޮށްފައެވެ.
އެލާސްކާގެ އެމަރޖެންސީ މެނޭޖްމަންޓް ޑިޕާޓްމަންޓުން ވަނީ ސަރަހައްދުގެ ރައްޔިތުންނަށް ސަލާމަތީ އިރުޝާދުތައް ދީ، އިމަރޖެންސީ ޓީމުތައް ތައްޔާރީ ހާލަތުގައި ބޭތިއްބުމަށް އަންގާފައެވެ. އަދި ކޮސްޓް ގާޑް ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
މި ބިންހެލުމާ ގުޅިގެން މިހާތަނަށް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އިމަރޖެންސީ އޮފިޝަލުން ދަނީ ހާލަތު ގާތުން މޮނިޓަރ ކުރަމުންނެވެ.
އަލަސްކާގެ އެސަރަހައްދަކީ ވަރަށް ގިނައިން ބިންހެލުން އަންނަ ސަރަހައްދެކެވެ. އެގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 14 ބިންހެލުމެއް އައިސްފައިވާއިރު މިމަހުގެ ތެރޭގައި އެކަނިވެސް 530 ބިންހެލުން އައިސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!