ދިވެހި ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ސަފީރު ގީލާ އަލީ ޔޫރަޕިއަން ޕާރލިމެންޓުގައި ދެއްކެވި ވާހަކަތައް ވަނީ އޮޅުވާލާފައި ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ސަފީރު ގީލާ ޔޫރަޕިއަން ޕާލިމަންޓުގައި، ވިދާޅުވެފައިވާ ކަމަށް ބުނެ ބައެއް އޮންލައިން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ ދެއްކެވި ވާހަކަފުޅުތައް އޮޅުވާލައިގެން ކަމަށެވެ.
''ސަފީރަށް ޔޫރަޕިއަން ޕާރލިމެންޓުން ކުރައްވާފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާމެދު، ދެކޭ ގޮތްކަމަށާއި މި ސުވާލަލުގެ ޖަވާބުގައި ސަފީރު ވިދާޅުވެފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް މާކުރިއްސުރެ ޤާއިމުވެފައިވާ ކަމަށާއި، އަދި ދިވެހިރާއްޖެއާއި އެމެރިކާ އާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށް'' ޚަލީލް ވިދާޅުވެފައިވެއެވެ.
ޚަލީލް ވިދާޅުވީ، ޙަޤީގަތަކީ، ކަނޑައެޅިފައިވާ ނިޒާމުތަކާ ޚިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ފޯޅަވަހީގެ ޙައްޤުތައް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު އެމް.ޑީ.ޕީ.ގެ ސަރުކާރުގެ ސިއްރު ސިޓީއަކުން ކަމަށެވެ. އަދި މިކަން ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެކަމަށް ވެސް ވިދާޅުވިއެވެ.
ސަފީރު ގީލާ ވެސް ވަނީ އޭނާ ދެއްކެވި ވާހަކަކަމަށް ބުނެ ''ދިޔަވަރު'' ނޫހުގައި ގެނެސްދީފައިވާ ޚަބަރު ދޮގުކުރަށްވާފައެވެ.
Mee hama kada elhigen dhogeh. pic.twitter.com/JVpVtyFHMU
— Geela (@geelaali) July 16, 2025
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ ނިންމާފައި ވަނީ 28 އޭޕްރިލް 2023 ގައެވެ. މި މައްސަލަ ނިންމުމުގައި ކުރީގެ ރައީސް ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ފަރާތްޕުޅުން މޮރިޝަސް ގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2022 ގައި ފޮނުއްވާފައިވާ ސިޓީއެއްގެ ދައުރު ބޮޑުކަމަށް ކުރެވެމުންދިޔަ ތުހުމަތުތަކާއެކު 19 ޑިސެމްބަރު 2023 ގައި ސަރުކާރުން ވަނީ އެ ސިޓީ އާންމުކޮށްފައެވެ. އެ ސިޓީ ހާމަކޮށް އައު ސަރުކާރުން ނެރުނު ބަޔާނުގައި ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފޯޅަވައްސާ ފުށުއަރާކަމަށްބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅުއްވާފައިވާ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފެންނަކަމަށް ބުނެފަވެއެވެ.
އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!