ހއ. އަތޮޅުގެ ވެރިރަށް ދިއްދޫ އާއި ށ. އަތޮޅުގެ ވެރިރަށް ފުނަދޫ ހިމެނޭހެން ފަބްލިކް ވާރކްސް ގެ ޚިދުމަތް ކުރިން ނުދޭ 15 އަތޮޅެއްގައި 15 ރަށެއްގައި ޔުނިޓްތައް ޤާއިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން މި މަސައްކަތަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވާރކްސް ޚިދުމަތްތައް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމާފައިވާ ނިންމުމުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.

Ad
rt

ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނާއި ގާތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާންމު ޚިދުމަތް ދޭނެ ޔުނިޓްތައް ޤާއިމްކުރުމަށް ރައީސް ޑރ މުޢިއްޒުގެ ނިންމެވުމުގެ ދަށުން މިހާރު މި ޚިދުމަތް ނުދެވި ހުރި އަތޮޅު ތަކުގައި އެ ޔުނިޓް ތައް ޤާއިމްކުރުމަށް ނިންމާފައިވާކަމަށެވެ.

މިގޮތުން މި ނިންމުމުގެ ދަށުން ޕަބްލިކް ވާރކްސް ޔުނިޓްތައް ޤާއިމްކުރުމަށް ނިންމާފައިވާ 15 ރަށަކީ، ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ތ. ވޭމަންޑޫގެ އިތުރުން ގއ. ވިލިނގިލީގައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މި ޔުނިޓްތައް ޤާއިމުކުރުގެ ގޮތުން އިދާރީ މަސައްކަތްތައް ފެށުމަށް މިނިސްޓްރީން ދަނީ މަސައްކަތްކުރަމުންކަމަށާއި، އަލަށް ޤާއިމްކުރާ ޕަބްލިކް ވަރކްސް ޔުނިޓްގެ ޚިދުމަތްތައް ހިންގާނީ މިހާރު އުފެދިފައިހުރި ޔުނިޓްތަކުންވެސް މަސައްކަތްކުރާ ގޮތަށް، ކައުންސިލްތަކާއި ގުޅިގެންކަމަށެވެ.

ޕަބްލިކް ވަރކްސް ޔުނިޓްގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤާއިމްކުރުމުުގެ ގޮތުން ސަރުކާރުގެ އަމާޒަކީ، ރަށްރަށުގެ މަގުތައް މަރާމާތުކުރުމާއި ވެލިމަގު ހެދުމާއި އަލަށް އާބާދުވާ ސަރަހައްދުތަކުގައި ހަދަންޖެހޭ މަގުތައް ހެދުމަށްޓަކައި ނަގަންޖެހޭ ރުއްގަސްތައް ނެގުމާއި ޗަކަ ބިންތަކަށް ވެލިއަޅައި، ބިންގަނޑު އެއްވަރުކުރުމުގެ އިތުރުން ކާނުތައް ސާފުކުރުންފަދަ އާންމު ޚިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ.