ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި އިންޑިއާއަކީ ދުނިޔޭގައި އެންމެ މުސްލިމުން ގިނަ ޤައުމަށް ވާނެކަމަށް އިންޑިއާގެ ''އިންޑިއާ.ކޮމް'' ގައި ޕިއު ރިސަރޗް ސެންޓަރުގެ ފަހުގެ ރިޕޯޓަކާއި ހަވާލާދީ ޝާޢިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މުސްލިމް އުންމަތަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް އާބާދީ އިތުރުވަމުންދާ ދީނީ ޖަމާޢަތެވެ. 2010 އާއި 2020 އާ ދެމެދު ދުނިޔޭގެ އާބާދީގައި ކްރިސްޓިއަން ދީނުގެ ނިސްބަތް ދަށްވެފައިވާއިރު، މި ދަށްވުމާއެކުވެސް ކްރިސްޓިއަން ދީނަކީ އަދިވެސް ދުނިޔޭގައި އެންމެ ގިނަ މީހުން ތަބާވާ ދީންކަމަށް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
''ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނަ މުސްލިމުން ދިރިއުޅޭ ޤައުމަށް ވެގެންދާނެކަމަށް ލަފާކުރެވެއެވެ. އިންޑިއާގައި މުސްލިމުންގެ އާބާދީ 35.6 މިލިއަނަށް އިތުރުވެފައިވެއެވެ.'' ރިޕޯޓުގައި ފާހަގަކޮށްފަވެއެވެ.
އެ ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުގައި އިންޑިއާގައި މިހާރު އެންމެ ބައިބޯ ދީންކަމަށްވާ ހިންދޫ ދީނަށް އެހެން ދީންތަކުން ބަދަލުވާ މިންވަރު ވަރަށް ދަށްކަމަށާއި، އެމީހުންގެ އުފަންވާ ކުދިންގެ ނިސްބަތް ދުނިޔޭގެ އެވްރެޖާ އެއްވަރުގައި ހުރުމުގެ ސަބަބުން އެމީހުންގެ ނިސްބަތް ވަނީ ދެމެހެއްޓިފައެވެ.
އިންޑިއާގެ މުސްލިމުން އީދު ނަމާދެއް ކުރަނީ، ފޮޓޯ: އެސޯސިއޭޓް ޕްރެސް
ޕިއު ރިސަރޗް ސެންޓަރުގެ ފަހުގެ ރިޕޯޓެއް ކަމުގައިވާ "ހައު ދަ ގްލޯބަލް ރެލިޖަސް ލޭންޑްސްކޭޕް ޗޭންޖްޑް ފްރޮމް 2010 ޓު 2020" ގައި ބަޔާންކޮށްފައިވާ ގޮތުގައި މުސްލިމުންގެ އާބާދީ 347 މިލިއަނަށް އިތުރުވެފައިވެއެވެ. މިއީ އެހެން ހުރިހާ ދީންތަކެއްގެ އާބާދީ އެއްކޮށްލުމަށްފަހު އިތުރުވެފައިވާ މިންވަރަށްވުރެ ގިނައެވެ. އަދި ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނަ މުސްލިމުން ދިރިއުޅޭ ޤައުމަށް ވެގެންދާނެކަމަށް ވެސް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ދުނިޔޭގެ އާބާދީގައި މުސްލިމުންގެ ނިސްބަތް 2010 ގައި 23.9% އިން 2020 ގައި 25.6% އަށް އިތުރުވެފައިވެއެވެ. މި ކުރިއެރުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި ޑިމޮގްރަފިކް ކަންތައްތަކެއްގެ ސަބަބުންކަމަށް ރިޕޯޓްގައި ބުނެފަވެއެވެ. އޭގެ ތެރޭގައި އުފަންވާ ކުދިންގެ ނިސްބަތް މަތިވުމާއި ޒުވާނުންގެ އާބާދީ ގިނަވުން ހިމެނެއެވެ.
މުސްލިމުންގެ އާބާދީ އެންމެ ބޮޑަށް އިތުރުވެފައިވަނީ އޭޝިއާ-ޕެސިފިކް ސަރަޙައްދުގައެވެ. މިއީ ދުނިޔޭގައި އެންމެ ގިނަ މުސްލިމުން ދިރިއުޅޭ ސަރަޙައްދެވެ. މި ސަރަޙައްދުގައި މުސްލިމުންގެ އާބާދީ 2010 އާއި 2020 އާ ދެމެދު 16.2% އަށް އިތުރުވެފައިވެއެވެ. މެދު އިރުމަތީ އާއި އުތުރު އެފްރިކާގެ ސަރަޙައްދުގެ އާބާދީގެ 94.2% އަކީ މުސްލިމުންނެވެ. އަދި ސަބް-ސަހާރަން އެފްރިކާގައި މި ނިސްބަތަކީ 33% އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!