އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ ވަދޯދަރާގައި ހުރި ގަމްބިރާ ބުރިޖު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 15 އަށް އަރައިފި އެވެ.

ވަދޯދަރާ އަދި އަނަންދް ގުޅުވައިދޭ މި ބުރިޖުގެ ބައެއް މަހިސާގަރު ކޯރަށް ވެއްޓުނީ އިއްޔެ ހެނދުނު 7:30 ހާއިރުއެވެ. މި ހާދިސާގައި ދެ ޓްރަކާއި، ބޮލެރޯއެއް އަދި ޖީޕެއް ކޯރަށް ވެއްޓިފައިވެއެވެ.

Ad
rt

މި ހާދިސާގައި އަދިވެސް 4 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މީހުން ހޯދުމަށް ނެޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް އަދި ސްޓޭޓް ޑިޒާސްޓަރ ރެސްޕޮންސް ފޯސްއިން 4 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް 2 ލައްކަ ރުޕީސްގެ އެހީއެއް ދެއްވާނެ ކަމަށް އިއުލާން ކުރައްވާފައެވެ. އަދި ޒަޚަމްވި ފަރާތްތަކަށް 50,000 ރުޕީސްގެ އެހީއެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ގުޖުރާތު ސްޓޭޓްގެ ވެރިކަން ކުރާ ފަރާތުން މަރުވި މީހުންގެ އާއިލާތަކަށް 4 ލައްކަ ރުޕީސް އަދި ޒަޚަމްވި ފަރާތްތަކަށް 50,000 ރުފިޔާގެ އެހީއެއް ދޭނެ ކަމަށް އިއުލާންކޮށްފައިވެއެވެ.

1985 ވަނަ އަހަރު އިމާރާތްކުރި މި ބުރިޖަކީ 900 މީޓަރުގެ ދިގުމިނުގައި 23 ތަނބު ހިމެނޭ މި ބުރިޖެކެވެ. މިއީ ވަދޯދަރާ އަދި އަނަންދް ސަރަޙައްދު ގުޅުވައިދޭ މުހިންމު ފާލަމެކެވެ. މި ބުރިޖު ވެއްޓުމާ ގުޅިގެން މި ސަރަޙައްދުގެ ދަތުރުފަތުރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވެއެވެ.