ފަސޭހަކަމާއިއެކު ރެއާލް މެޑްރިޑް ބަލިކޮށް ޕީއެސްޖީން ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ރޭ އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗު، ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ރެއާލަށް ގޭމްގެ ތެރެއަށް ވަންނަން ބޮޑު ހުރަހަކަށް ދިމާވީ މެޗުގެ ފުރަތަމަ ނުވަ މިނެޓް ތެރޭ އެ ޓީމްކޮޅަށް ވަތް ދެ ލަނޑެވެ. ޕީއެސްޖީން މި ދެ ލަނޑު ވެސް ޖަހާފައި ވަނީ ރެއާލުގެ ފަހަތް ބެލެހެއްޓި އެސެންސިއޯއާއި ރުޑިގާގެ ފަރާތުން ފެނިގެންދިޔަ ބޮޑެތި ގޯސްތަކުގެ ފައިދާ ނަގައިގެންނެވެ.

ފުރަތަމަ ލަނޑު 6 ވަނަ މިނެޓުގައި ފަބިއަން ރުއީޒް ކާމިޔާބު ކޮށްދީފައި ވަނީ އެސެންސިއޯހެދި ބޮޑު ގޯހެއްގެ ފައިދާނަގައި ޑެމްބެލޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. އޭގެ ތިން މިނެޓް ފަހުން ރުޑިގާ ހެދި ގޯހެއްގެ ފައިދާ ނަގައި ޑެމްބެލޭ ވަނީ ޕީއެސްޖީއަށް ދެވަނަ ލަނޑު ޖަހައިދީފައެވެ.

ޕީއެސްޖީގެ ތިންވަނަ ލަނޑު 24 ވަނަ މިނެޓުގައި ރުއީޒް ޖަހައިދިނީ ކައުންޓަ އެޓޭކެއްގައި ހަކީމީ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. ރެއާލުން ފުރަތަމަ ހާފު ނިންމާލީ މާ އެދެވޭ ކުޅުމެއް ނުދެއްކުނުތާ އިދިކޮޅު ގޯލަށް މާ ރަނގަޅު ހަމަލާއެއް ވެސް ފޮނުވާނުލެވިއެވެ.

ދެ ވަނަ ހާފުގައި ބަދަލުތަކެއް ގެނެސްގެން، ރެއާލުން އެޓޭކް ކުރެވޭތޯ ބެލިއިރު، މި މުބާރާތަށް ފަހު، އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ކްރޮއޭޝިއާގެ ތަޖުރިބާކާރު މިޑްފީލްޑަރު، ލޫކަ މޮޑްރިޗް ވެސް ވަނީ ކުޅެން އަރާފައެވެ. މިއީ، މޮޑްރިޗް، ރެއާލް ޖޯޒީގައި ފެންނާނެ ފަހު މެޗެވެ.

ޕީއެސްޖީން ފަހު ލަނޑު ޖެހީ މެޗުގެ 88 ވަނަ މިނިޓްގައެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ދެ ކުޅުންތެރިން ގުޅިގެންނެވެ. އެ ގޮތުން، ޕީއެސްޖީގެ ބްރެޑްލީ ބަކޯލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި، މި ލަނޑު ޖެހީ، ހަމަޖެހިލައިފައި ގޯލަށް ބޯޅަ ވައްދާލި ޕޯޗުގީސް ފޯވާޑް ގޮންޒާލޯ ރާމޯސްއެވެ.

ޗެލްސީއާއި ޕީއެސްޖީ ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 0000 ގައެވެ.