ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ރެއާލް މެޑްރިޑުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ރޭ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ރެއާލުންނެވެ. މި ލަނޑު 10 ވަނަ މިނެޓުގައި ޖަހައިދިނީ ގޮންޒާލޯ ގާސިއާއެވެ. އާދާ ގުލާ ޑޯޓްމަންޑްގެ އޭރިއާ ތެރެއަށް މަތިން ކުޅުނު ބޯޅަ ޑިފެންޑަރުންގެ ފަހަތުން އަރާ ގާސިއާ ވަނީ އެ ބޯޅަ ގޯލަށް ވައްދާލާފައެވެ. މިއީ އުމުރުން 21 އަހަރުގެ، ގާސިއާ މި މުބާރާތުގައި ޖެހި ހަތަރުވަނަ ލަނޑެވެ. މި ލަނޑާއިއެކު އޭނާ ވަނީ މުބާރާތުގެ މިވަގުތު އެންމެ ގިނަ ލަނޑުޖެހި ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. ދެން ހަތަރު ލަނޑު ޖަހާފައި ވަނީ ބެންފީކާއަށް ކުޅެމުން އަންނަ ޑިމާރިއާއާއި އަލް ހިލާލްގެ ލެއޮނާޑޮއާ އެވެ. ބެންފީކާއާއި އަލް ހިލާލް މުބާރާތުން ކަޓާފައި އޮތުމުން ދެން މުބާރާތުގައި އިތުރަށް ލަނޑު ޖަހައި ރަންބޫޓޫ އަމިއްލަ ކުރުމުގެ ފުރުސަތު ހަމައެކަނި އޮތީ ގާސިއާއަށެވެ.

ރެއާލުގެ ދެވަނަ ލަނޑު 20 ވަނަ މިނެޓުގައި ފެރާން ގާސިއާ ޖަހައިދިނީ އާނޯލްޑް ތިރިތިރިން ޑޯޓްމަންޑްގެ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅައަކުންނެވެ.

ދެ ލަނޑުގެ ލީޑަކާއިއެކު ރެއާލުން މެޗު ނިންމާނެ ކަމަށް ބެލެވުނު ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި ވަނީ ނަތީޖާއަށް ބޮޑު ބަދަލެއް އައިސްފައެވެ. އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޑޯޓްމަންޑްގެ ފުރަތަމަ ލަނޑު ބެއިއާ ޖަހައިދިން އިރު، އޭގެ ދެ މިނެޓް ފަހުން ގުލާ ނަގައިދިން ހުރަހެއްގައި އެމްބާޕޭ، އެކްރަބެޓިކް ކިކުން ޖެހި ގޯލުން ރެއާލުން ލީޑު ފުޅާކުރިއެވެ.

އިތުރު ވަގުތުގެ ފަހު ވަގުތު ރެއާލުގެ ޒުވާން ޑިފެންޑަރ ހައުސަން، ޑޯޓްމަންޑްގެ ފޯވާޑް ގިރާސީއަށް އޭރިއާ ތެރެއިން ފައުލް ކުރުމުން ރެފްރީ ވަނީ ޑޯޓްމަންޑަށް ޕެނަލްޓީއެއް ދީފައެވެ. އަދި އެ ފައުލަށް ރެފްރީ ވަނީ ހައުސަންއަށް ރަތްކާޑު ދައްކާފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް ޑޯޓްމަންޑަށް ދެވަނަ ލަނޑު ޖަހައިދިނީ ގިރާސީއެވެ.

ސެމީ ފައިނަލުގައި ރެއާލް ވާދަކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސްގެ ޕީއެސްޖީއާއެވެ. އެ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރޭ ދަންވަރު 0000 ގައެވެ.