ނާސާގެ އެސްޓްރޮނޯޓު ނިކޯލް އެޔާސްގެ އެކްސް އެކައުންޓްގައި އާންމު ކުރި ފޮޓޯ އަކަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

މިމަހުގެ 3 ވަނަ ދުވަހު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އެމެރިކާ އާއި ބުރެޒިލް މަތިން ދަތުރު ކުރަމުން ދަނިކޮށް އެޔާސް ނެގި މި ފޮޓޯ އެންމެ ފުރަތަމަ އާންމު ކުރުމާއި އެކު، އެ ފޮޓޯ އަކީ އޭއައި ޖެނެރޭޓަޑް ފޮޓޯ އެއް ކަމަށް ގިނަބަޔަކު ބުނެ ފާޑު ކިޔާފައިވެއެވެ. ނަމަވެސް އެއީ، އާންމުކޮށް ނުފެންނަ ނާދިރު މަންޒަރެއް ކަމަށްވާ "ސްޕްރައިޓް" އެއްގެ ފޮޓޯ އެއްކަމަށް އެޔާސް ބުނެފައިވެއެވެ.

Ad
rt

އެ ފޮޓޯއިން ވަރަށް އަލިގަދަ ވިދުވަރެއްގެ މަންޒަރު ފެންނަނީ ވިލާތަކުގެ މަތީންނެވެ. ނުލާއި ދަނބު އަދި ހުދު ކުލައިގެ އަލިކަމެއްގެ ގޮތުގައެވެ. އަދި އޭގެ މަތިން އުދަރެސްއަށް ރަތް ކުލައިގެ ގަހެއް ފަދަ އަލިކަމެއް ފެތުރިގެން ގޮސްފައިވެއެވެ. މި މަންޒަރު ފެނުނީ ބިމުން 250 މޭލު މަތިންކަމަށް ބުނެފައިވެއެވެ.

ސްޕްރައިޓްއަކީ ވަގުތީ އަލިކަމުގެ ހާދިސާއެއް (ޓްރާންޝަންޓް ލުމިނަސް އިވެންޓް - ޓީއެލްއީ) ގެ ގޮތުގައި ފާހަގަކުރެވޭ މަންޒަރެކެވެ. މި މަންޒަރު ފެންނަނީ ވިލާތަކުގެ މަތީން، ވިލާތަކުގެ ތިރީގައި ހިނގާ ގަދަ ވިދުވަރުގެ ސަބަބުންނެވެ. މި މަންޒަރު ފެނިގެންދަނީ ސިކުންތުގެ ދިހައިންބައިކުޅަ އެއްބަޔަށްވުރެ ކުރު ވަގުތުކޮޅަކަށެވެ.

އުތުރު ހުދުރޯޅި (އޯރޯރާ) އާ ޚިލާފަށް، ބިމުގައި ހުރެގެން ސްޕްރައިޓް ފެނުމަކީ ވަރަށް ދަތިކަމެކެވެ. މިފަދަ މަންޒަރެއް ފެންނާނީ އުދަރެސް ސާފުކޮށް، ދުރުގައި ގަދަ ވިދުވަރު އަޅާ، އަދި އަލިކަން މަދު ސަރަހައްދުތަކުންނެވެ. ސްޕްރައިޓްގެ ފުރަތަމަ ފޮޓޯ ނެގިފައިވަނީ 1989 ވަނަ އަހަރުގެ ޖުލައި 4 ވަނަ ދުވަހު، ޔުނިވަރސިޓީ އޮފް މިނެސޯޓާގެ ސައިންޓިސްޓުންނަށެވެ.

މި މަންޒަރު ފެންނަނީ ވައިގެ ދަތުރުފަތުރުގެ އުޅަނދުތައް ދަތުރުކުރާ އުސްމިނަށްވުރެ މާ މަތިން ކަމުން، މިއީ ވައިގެ ދަތުރުފަތުރަށް ސީދާ ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫނެވެ. އަދި މިހާތަނަށް މިފަދަ އެއްވެސް ހާދިސާއެއް ރިޕޯޓްކުރެވިފައެއް ނުވެއެވެ.