ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުން ޕީއެސްޖީ ޖާގަ ހޯދައިފިއެވެ. އެޓްލާންޓާގެ މާސެޑޭޒް ބެންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
ބަޔާނަށް މި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު، އަނިޔާއިން ސަލާމަތްވެ ފުރަތަމަ އެގާރާގައި ހިމެނިގެން ރޭ ކުޅުނު އެ ޓީމްގެ ތަރި ޖަމާލް މުސިއާލާގެ ފައިގެ ކުޑަހުޅަށް ސީރިއަސް އަނިޔާއެއް ލިބުމެވެ. ޕީއެސްޖީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާގެ ގައި ދަށުވެ، މުސިއާލާގެ ކުޑަހުޅަށް ލިބުނު އަނިޔާގައި އޭނާ ދަނޑުން ބޭލީ އަށިގަނޑުގައެވެ. އޭނާގެ ފައިގެ ކުޑަހުޅުން ކަށިގެނޑެއް ބިނދިފައިވާއިރު، އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އެނބުރި އަންނަން މަސްތަކެއް ނަގާނެއެވެ.
ދެ ޓީމްގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޕީއެސްޖީން ލީޑު ނަގާފައިވަނީ 78 ވަނަ މިނެޓުގައި ޑުއޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ޑުއޭ ލަނޑުޖެހިތާ ހަތަރު މިނެޓް ފަހުން ޕީއެސްޖީގެ ޑިފެންޑަރ ވިލިއަމް ޕަޗޯއަށް ރެފްރީ ވަނީ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.
ޕީއެސްޖީގެ ކުޅުންތެރިއަކު މަދުވުމާއި، އަދި އެއް ލަނޑުން ފަހަތުގައި އޮތުމުން ބަޔާނުން ޓީމް ކުރިއަށް ޖެހި އެޓޭކް އިތުރަށް ވަރުގަދަ ކުރިއެވެ. މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޕީއެސްޖީގެ ލޫކަސް ހެނާންޑޭޒްއަށް ރަތްކާޑު ދެއްކުމާއިއެކު އެ ޓީމް މެޗު ފުރިހަމަ ކުރަން ޖެހުނީ ނުވަ ކުޅުންތެރިންނާއި އެކުއެވެ.
ބަޔާނުން ލަނޑެއް ޖަހަން ޓީމް ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ޕީއެސްޖީއަށް ދެވަނަ ލަނޑު ޖަހައިދިނީ އިތުރު ވަގުތުގެ ފަހު މިނެޓްގައި ޑެމްބެލޭއެވެ.
ޕީއެސްޖީ ސެމީގައި ވާދަކުރަން ޖެހޭނީ ރޭ ކުއާޓާ ފައިނަލުގައި ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ސެމީން ޖާގަ ހޯދި ރެއާލް މެޑްރިޑާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!