އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިވަގުތު ރާއްޖޭގައި މެންބަރުން އެންމެ ގިނަ ސިޔާސީ ޕާޓީއަކަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްޖެ އެވެ.

ޕީއެންސީގައި މިވަގުތު 68،665 މެންބަރުން ތިބިއިރު، ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކީ 43،765 މެންބަރުންނާއެކު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ.

Ad
rt

ޖުމްހޫރީ ޕާޓީގައި 13،456 މެންބަރުން ތިބިއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގައި 9،011 މެންބަރުން އަދި ޢަދާލަތު ޕާޓީގައި 8،844 މެންބަރުން ތިބިކަން ފާހަގަކުރެވެއެވެ.

އެހެނިހެން ޕާޓީތަކުގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޕާޓީގައި 5،836 މެންބަރުންނާއި، ދަ ޑިމޮކްރެޓްސްގައި 3،547 މެންބަރުންނާއި، ޕީޕަލްސް ނޭޝަނަލް ފްރަންޓްގައި 3،046 މެންބަރުން އަދި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސްގައި 2،272 މެންބަރުން ހިމެނެއެވެ.

މި ތަފާސްހިސާބުތައް އާންމުކޮށްފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، ކޮންމެ 6 މަހަކުން އެއްފަހަރު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު ކަށަވަރުކުރުމަށްފަހުގައެވެ.

އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން އިތުރުވެ އެފަދަ މައްސަލަތަކެއް ފެންމަތިވުނުން އީސީއިންވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަނީ އީ-ފާސް މެދުވެރިކޮށް ކޮމިޝަނުގެ ޕޯޓަލް "my.elections.gov.mv" ކަމުގައި ނިންމާފަ އެވެ. އަދި އަލަށް ގެނެވުނު ބަދަލުތަކާއެކު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފުތަރާގުޅޭގޮތުން ހުށަހަޅަމުންދިޔަ މައްސަލަތައް މިހާރު ވަނީ ހުއްޓިފައެވެ.

މިހާރު ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް ޕާޓީއަށް ވަނުމާއި ވަކިވުމުގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ނޫޅޭކަމުގެ ލިޔުންވެސް އާންމު ރައްޔިތުންނަށް ދޫކުރެވެއެވެ.