މާލޭގެ މައްޗަންގޯޅި ސަރަހައްދުގެ ގެއަކުން ވަގަށް ނެގި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ، ތިޖޫރީއެއް ވަގަށް ނެގުމުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއް މިއަދު ހެނދުނު ފުލުހުން ވަނީ ހައްޔަރުކޮށްފައިވާކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، ވަގަށް ނެގި ފައިސާގެ ބޮޑު ބައެއް ވަނީ އަނބުރާ ހޯދިފައެވެ.

Ad
rt

ފުލުހުންގެ ބުނެފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާއީލް ސާއިފް (39އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 11:05 ހާއިރު މާވެޔޮ މަގުންނެވެ.

މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖު ބަލައި، ކުށުގެ ވެށިން ފެންނަން ހުރި ހެކިތައް އެއްކޮށްފައެވެ. އަދި ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކޮށް ބަލައި ފާސްކުރުމުގައި، ވަގަށް ނެގި ފައިސާގެ އިތުރުން، އެ ފައިސާއިން ގަތްކަމަށް ބެލެވޭ މޯބައިލް ފޯނެއްވެސް ވަނީ ފެނިފައެވެ.

މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު ހެކި ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ދަޢުވާ ކުރެވޭ ވަރަށް ހެކި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިފަދަ މައްސަލަތައް ހުއްޓުވުމަށް އާންމުން ސަމާލުވެ، ގެދޮރުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.