ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ސަރުކާރުން އިސްލާޙު ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މި ބިލު ސްޕޮންސަރކުރަށްވާފައި ވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދުތަކަކީ ޝަރުޢީ ދާއިރާގެ މިނިވަންކަމާއި އިތުބާރު ދެމެހެއްޓުމާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި މަސައްކަތުގެ ފެންވަރު ބެލުމުގެ އުޞޫލުތައް ތަފްޞީލުކުރުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ހުށަހެޅުނު މި ބިލުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުކަމުގެ މަޤާމާއި ޝަރުޢީ ދާއިރާގެ މިނިވަންކަމާއި އިތުބާރު ދެމެހެއްޓުމާއި، ފަނޑިޔާރުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ޤާނޫނުގައި ކަނޑައެޅުން ހިމެނެ އެވެ.
މީގެ އިތުރުން، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އުޞޫލުތައް ތަފްޞީލުކުރުމާއި، ފަނޑިޔާރުން އެހެން ކޯޓަކަށް ބަދަލުކުރުމުގެ އުޞޫލުތަކާއި ވިޔަފާރިކުރުމާއި މާލީ މުޢާމަލާތްތައް ކުރުމާ ގުޅޭ އުޞޫލުތައް ސާފުކުރުމުގެ މަޤްޞަދުވެސް ބިލުގައި ފާހަގަކޮށްފައިވެ އެވެ. އަދި ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމުގެ އުޞޫލުތައް މުރާޖާކުރުމަށްވެސް މި ބިލުގައި ބާރުއަޅާފައިވެ އެވެ.
ބިލުގައި ވަނީ ފަނޑިޔާރުންނަށް ކުރެވޭނެ އަދި ނުކުރެވޭނެ ކަންކަމަށް ވަރަށް ބޮޑަށް އިސްލާހު ގެނެސްފަ އެވެ. އެގޮތުން، ފަނޑިޔާރުންނަށް ދައުލަތުގެ ނުވަތަ އަމިއްލަ އެހެން އެއްވެސް ވަޒީފާއެއް އަދާކުރުން މަނާކޮށްފައިވެ އެވެ. މީގެ އިތުރުން، ފަނޑިޔާރުން އެއްވެސް ބާވަތެއްގެ ވިޔަފާރިކުރުން ނުވަތަ ފަންޑު ހިންގުންވެސް ވަނީ މަނާކޮށްފަ އެވެ. ދައުލަތުގެ މުދަލާއި ބިން ގަތުން ނުވަތަ ކުއްޔަށް ހިފުންވެސް މި ބިލުގައި މަނާކޮށްފައިވެ އެވެ. ނަމަވެސް، ޕަބްލިކް ކުންފުންޏެއްގެ "ސިގްނިފިކަންޓް ޝެއާހޯލްޑަރެއް" ނޫންނަމަ ހިއްސާ މިލްކުކުރެވިދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި އަމިއްލަ މުދާ (ގޯއްޗާއި ގެފަދަ) ބާޒާރު އަގުގައި ވިއްކުމާއި ކުއްޔަށް ދިނުމަކީ ވިޔަފާރިއެއް ނޫން ކަމަށް ބިލުގައި ބުނެފައިވެ އެވެ.
މައްސަލަ ނިންމުމުގެ މުއްދަތަށް ވެސް މި ބިލުގައި މުހިންމު ބަދަލެއް ގެނެސްފައިވެ އެވެ. މިހާރުގެ ޤާނޫނުގައި މައްސަލައެއް ޙަވާލުވާތާ ހަ މަސް ދުވަހުގެ ތެރޭގައި ގޮތެއް ނުނެގޭނަމަ އިސް ޤާޟީއަށް އެންގުމަށް އޮންނައިރު، އާ ބިލުގައި ވަނީ އެއް އަހަރުގެ ތެރޭގައި ގޮތެއް ނުނެގޭނަމަ ސަބަބާ އެކު ކޯޓުގެ އިސް ފަނޑިޔާރަށާއި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެންގުމަށް އަދި މަހަކު އެއް ފަހަރު އިސް ފަނޑިޔާރަށް މަޢުލޫމާތު ދިނުމަށް ބުނެފަ އެވެ.
މީގެ އިތުރުން، ފަނޑިޔާރުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ބިލުގައި ހުށަހަޅާފައިވެ އެވެ. މި ކޮމިޓީން ފަނޑިޔާރުންގެ ފެންވަރު ވަޒަންކުރުމަށްފަހު، ރިޕޯޓެއް އެކުލަވާލައި އޭގެ ކޮޕީއެއް ފަނޑިޔާރަށް ދޭންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ދިވެހިރާއްޖޭގައި ފަނޑިޔާރުންގެ ޤާނޫނު (13/2010) އަށް ޢަމަލުކުރަންފަށާފައި ވަނީ 10 އޯގަސްޓް 2010 ގައެވެ. މި ޤާނޫނުގައި، ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި، ފަނޑިޔާރުންގެ ހުންނަންވާނެ ޝަރުޠުތަކާއި، ފަނޑިޔާރުންގެ ބާރުތަކާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި، ވަޒީފާއާބެހޭ ޢާންމު އުޞޫލުތަކާއި، މުސާރައާއި ޢިނާޔަތާގުޅޭ އުޞޫލުތައް ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!