އިންގްލެންޑުން 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް ކާމިޔާބު ކޮށްފިއެވެ.

މީގެ ދެ އަހަރު ކުރިން، އިންގްލެންޑުން ވަނީ ޖޯޖިއާގައި ބޭއްވި، 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތު ފައިނަލުގައި ސްޕެއިން 1-0 އިން ބަލިކޮށް، ކާމިޔާބު ކޮށްފައެވެ.

Ad
rt

މި އަހަރުގެ މުބާރާތުގެ ފައިނަލުގައި އިންގެލެންޑުން ނުކުމެފައި ވަނީ ޖަރުމަނާއި ދެކޮޅަށެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އިންގްލެންޑުންނެވެ. މި ލަނޑު ފަސްވަނަ މިނެޓުގައި ޖަހައިދިނީ ހާވޭ އެލިއޮޓްއެވެ. މެޗުގެ 24 ވަނަ މިނެޓުގައި އިންގްލެންޑްގެ އޮމާރީ ހަޗިންސަން ވަނީ އިތުރު ލަނޑެއްޖަހައި މެޗުގެ އިންގްލެންޑަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ.

ދެ ލަނޑުން ފަހަތަށް ވެއްޓުމާއިއެކު ޖަރުމަނުން ޓީމް އެޓޭކަށް ޖެހި އިންގްލެންޑްގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ. ޖަރުމަނުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ނެލްސަން ވެއިޕާއެވެ. ޖަރުމަނުން ނަތީޖާ ހަމަހަމަކުރި ލަނޑު 61 ވަނަ މިނެޓުގައި ޖަހައިދިނީ ޕައުލް ނެބެލްއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 2-2 ގެ ނަތީޖާއިން އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެހާފް ކުޅެން ޖެހުނުއިރު، އިންގްލެންޑް މެޗުން މޮޅުވި ލަނޑު، އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ދެވަނަ މިނެޓުގައި ޖަހައިދިނީ ޖޮނަތަން ރޯއެވެ.

އިންގްލެންޑުން މި މުބާރާތް ކާމިޔާބު ކޮށްފައި ވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިންގްލެންޑް ޓީމްގެ އެލިއޮޓްއެވެ.