ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޗެލްސީއާއި ޕަލްމެއިރާސް އިން ކުޅުނު މެޗުތައް ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ގަދަ 16 ބުރުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކޮށްފައި ވަނީ ބްރެޒިލްގެ ދެ ޓީމްކަމަށްވާ ބޮޓަފޯގޯއާއި ޕަލްމެއިރާސްއެވެ. މި މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު ދެ ޓީމުން ކުރެއް އެއްވެސް ޓީމަކަށް އޮތީ ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ވުމާއިއެކު އިތުރު ވަގުތުގެ ދެފާހް ކުޅެން ޖެހުނުއިރު މެޗުގައި ޕަލްމެއިރާސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު، އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ދިހަވަނަ މިނެޓުގައި ޖަހައިދިނީ ޕައުލީނިއޯއެވެ.
ގަދަ 16 ބުރުގައި ޗެލްސީއާއި ބެންފީކާ ބައްދަލުކުރި މެޗު، ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޗެލްސީންނެވެ. މެޗުގެ 64 ވަނަ މިނެޓުގައި ޗެލްސީއަށް މި ލަނޑު ޖަހައިދިނީ ރީސް ޖޭމްސްއެވެ. އޭގެ އިރުކޮޅެއް ފަހުން މޫސުން ގޯސްވުމުގެ ސަބަބުން މެޗު މެދު ކަނޑާލަން ޖެހުނުއިރު، އޭގެ ފަހުން މެޗު އަލުން ފަށާފައި ވަނީ ދެ ގަޑިއެއްހާއިރު ފަހުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ހަ މިނެޓްގެ ކުޅުން ފެށި އިރު ވެސް އެއް ލަނޑުން ކުރީގައި އޮތީ ޗެލްސީއެވެ. ބެންފީކާއިން ނަތީޖާ ހަމަހަމަކުރި ލަނޑު ޖެހި އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑިމާރިއާއެވެ.
މެޗު އެއްވަރުވުމުން އިތުރު ވަގުތުގެ ދެހާފު ކުޅެން ޖެހުނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ދެވަނަ މިނެޓުގައި ބެންފީކާގެ ޕްރެސްޓިއާނީއަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާފައެވެ.
ބެންފީކާއިން އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ޗެލްސީން ވަނީ ވަރަށް ފުރިހަމައަށް ނަގާފައެވެ. އެގޮތުން އިތުރު ވަގުތުގެ ދެހާފުގެ ޗެލްސީން ވަނީ ތިން ލަނޑުޖަހައި ބޮޑު ލީޑަކުން މޮޅުވެފައެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ޗެލްސީ ބައްދަލު ކުރަން ޖެހޭނީ ޕަލްމެއިރާސް އާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!