ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ އިންޓަ މިލާނާއި ބްރޫޝިއާ ޑޯޓްމަންޑުން ކުޅުނު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ގްރޫޕް އީގައި އިންޓަ މިލާނާއި ރިވަޕްލޭޓް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އިންޓަ މިލާނުންނެވެ.

Ad
rt

މި މެޗަށް ނުކުތްއިރު، މެޗު ކާމިޔާބު ކޮށްގެން ދެވަނަ ބުރުން ޖާގައެއް ކަށަވަރު ކުރުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތީ ފަހިކޮށެވެ. ވާދަވެރިކަން ބޮޑުކޮށް ފެނުނު މި މެޗުގައި އިންޓައިން ދެ ލަނޑު ވެސް ޖަހާފައި ވަނީ ދެވަނަ ހާފުގެ ފަހުކޮޅުއެވެ. ފުރަތަމަ ލަނޑު 72 ވަނަ މިނެޓުގައި ޖަހައިދިނީ ފްރެންސެސްކޯ ޕިއޯ އެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޕީޓަރ ސުސިޗް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

ރިވަޕްލޭޓުން މެޗު ނިންމާލީ ދެ ކުޅުންތެރިން މަދުކޮށެވެ. ރިވަޕްލޭޓްގެ ލޫކަސް މާޓިނޭޒް ކުއާޓާ، މެޗުގެ 66 ވަނަ މިނިޓްގައި އިންޓަގެ ހެންރިކް މިކިތާރްޔާން އަށް ކުރި ފައުލަކަށް ސީދާ ރަތްކާޑު ދެއްކިއިރު، މެޗުގެ އިތުރު ވަގުތުގައި ރިވަޕްލޭޓްގެ މޮންޓިއެލް އަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާފައެވެ. އިންޓަގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ބަސްޓޯނީއެވެ.

މި ގްރޫޕްގައި ރޭ ސާޖިއޯ ރާމޯސްގެ ކެޕްޓަންކަމުގައި ކުޅޭ މެކްސިކޯގެ މޮންޓެރޭ އާއި ޖަޕާންގެ އުރުވާ ރެޑްސް ބައްދަލުކުރި މެޗު 4-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މޮންޓެރޭ ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

ގްރޫޕް އީގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ އިންޓައެވެ. އެ ޓީމަށް ތިން މެޗުން ވަނީ 7 ޕޮއިންޓް ލިބިފައެވެ. ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދު މޮންޓެރޭއަށް ތިން މެޗުން ލިބިފައި ވަނީ 5 ޕޮއިންޓެވެ.

އިންޓަ ދެވަނަ ބުރުގައި ބައްދަލުކުރާނީ ބްރެޒިލްގެ ފްލުމިނެންސޭއާ އެވެ. މޮންޓެރޭ ބައްދަލުކުރާނީ ޑޯޓްމަންޑާއެވެ.

ރޭ ދެކުނު ކޮރެއާގެ އުލްސާން ހިއުންޑާއީ އާއި ދެކޮޅަށް ބޮރޫޝިޔާ ޑޯޓްމަންޑް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބޮރޫޝިޔާ ޑޯޓްމަންޑް ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

ގްރޫޕް އެފް ގައި ރޭ ކުޅުނު މި މެޗު ކާމިޔާބު ކުރުމާއިއެކު ޑޯޓްމަންޑަށް ވަނީ ކުޅުނު ތިން މެޗުން 7 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. އުލްސާން ހިއުންޑާއީ ކުޅުނު ތިން މެޗުވެސް ބަލިވެ އެ ޓީމަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 36 ވަނަ މިނިޓުގައި ބޮރޫޝިޔާ ޑޯޓްމަންޑަށް ކާމިޔާބު ކޮށްދީފައިވަނީ ޖޯބް ބެލިންހަމްގެ އެސިސްޓަކުން ޑެނިއެލް ސްވެންސަންއެވެ.