ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގެ ރޭ ބަޔާން މިއުނިކާއި ބެންފީކާ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ބެންފީކާ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ރޭ މެޗަށް ބަޔާން ނުކުއިތް އިރު ވެސް އެ ޓީމަށް އޮތީ ދެވަނަ ބުރު ކަށަވަރުވެފައެވެ. ވުމާއިއެކު ރޭ މެޗަށް ބަޔާނުން ނުކުމެފައިވަނީ ބައެއް މުހިންމު ކުޅުންތެރިން ފުރަތަމަ އެގާރާގައި ނުހިމަނައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބަޔާނުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ބެންފީކާގެ ގޯލާއި އަމާޒުކޮށް ބަޔާނަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ބެންފީކާއަށް ޖަހައިދިނީ އެޓީމުގެ ޒުވާން ފޯވާޑް އަންދްރޭސް ޝްޖެލްޑްރަޕްއެވެ.
ބަޔާނުން ދެވަނަ ހާފު ފަށާފައި ވަނީ އެ ޓީމްގެ ފުރަތަމަ އެގާރާގައި އާންމުކޮށް ހިމެނޭ ތިން ކުޅުންތެރިން ކަމަށްވާ ހެރީ ކޭން އާއި އޮލީސޭގެ އިތުރުން ކިމިކް ހިމަނައިގެންނެވެ. ދެވަނަ ހާފުގައި ވެސް ބަޔާނުން މެޗު ކޮންޓްރޯލްކޮށް އެޓޭކްތައް ވަރުގަދަ ކުރި ނަމަވެސް ބެންފީކާގެ ގޯލު ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.
މި ގްރޫޕްގައި ރޭ ބޮކަ ޖޫނިއާ އާއި އޯކްލޭންޑް ސިޓީ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެ މި ދެ ޓީމަށް ވެސް ވަނީ މުބާރާތް ނިމިފައެވެ.
މި ގްރޫޕްގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބެންފީކާ އޮތީ 7 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި 6 ޕޮއިންޓާއިއެކު ބަޔާން އޮތްއިރު ތިންވަނާގައި ބޮކަ ޖޫނިއާސް އޮތީ 2 ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް އޯކްލޭންޑް ސިޓީއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!