ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ ދެ މަގާމަށް މީހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިއުލާނު ކޮށްފިއެވެ.
މި ދެ މަގާމަކީ އެކޮމިޝަނުގެ ނައިބު ރައީސް މުއުމިނާ ވަޙީދު އަދި ކޮމިޝަނަރު އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤްގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާ ގުޅިގެން ހުސްވާ މަގާމުތަކެވެ.
މިހާރު އެ ކޮމިޝަނުގައި ތިއްބެވި މެންބަރުންގެ ތެރޭގައި ކޮމިޝަންގެ ރައީސް މަރްޔަމް މުނާގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަނަރުންގެ ގޮތުގައި އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އަދި ސަމާޢު އަޙްމަދު ނަޖީބު ހިމެނިވަޑައިގަންނަވައެވެ.
ރައީސް އޮފީހުން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ. އަދި މި މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖުލައި މަހުގެ 9 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
އެޗްއާރްސީއެމްއަކީ ރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ މިނިވަން މުއައްސަސާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!