މިހާރު ބޭނުން ކުރަމުން އަންނަ ފިޒިކަލް ސިމަށް، އީ-ސިމް އެއް ހަދައިގެން ފޯން ނަންބަރުގެ ކޮންޓްރޯލް ނަގައިގެން ސްކޭމެއް ހިންގަމުން ދާކަމަށް ބުނެ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފައިވަނީ މި ސްކޭމް ހިންގަނީ މީހަކަށް ގުޅައިގެން އެ މީހާގެ ފޯނަށް ދާ ކޯޑެއް ހޯދައިގެން އެ ނަންބަރަށް އީ-ސިމް ހަދައިގެން ކަމަށެވެ.
އެގޮތުން ބޭނުންކުރާ ނަންބަރަށް އީ-ސިމް ހެދުމުން ފޯނުގައި ގެންގުޅޭ ސިމް އިތުރަށް ބޭނުން ނުކުރެވި، އޮޅުވާލައިގެން ގުޅާ މީހާ އަށް ނަންބަރުގެ ކޮންޓްރޯލް އެއްކޮށް ލިބޭނެކަމަށާއި، އެ ގޮތަށް ނަންބަރުގެ ކޮންޓްރޯލް ލިބުމުން ނަންބަރު ބޭނުންކޮށްގެން އޯޓީޕީ ހޯދައި، ބެންކުން އެކައުންޓުތަކާއި ޖީމެއިލްގެ އިތުރުން އެ ނޫންވެސް އެކައުންޓްތަކަށް ވަނުމުގެ ފުރުސަތު އެމީހާއަށް ލިބޭނެކަމަށް ފުލުހުން ބުނެފައިވެއެވެ.
މިފަދަ ސްކޭމަތަކުން ސަލާމަތްވުމަށްޓަކައި ފުލުހުން ވަނީ ބޭންކިންގ އަދި ސޯޝަލް މީޑިއާއަށް ވަކި އީމެއިލް އެއް ބޭނުންކުރުމަށާއި، އީމެއިލް އާއި އިންޓަނެޓް ބޭންކިންގ ފަދަ މުހިންމު ޚިދުމަތްތަކުގައި ޖަހާ ޕާސްވޯޑު ވަރުގަދަ ކުރުމަށާއި، މަލްޓި ފެކްޓާ އޯތެންޓިކޭޝަން (އެމްއެފްއޭ) ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ޒާތީ މައުލޫމާތުތަކަށް އެދޭ އެސްއެމްއެސްތަކާއި ފޯނުކޯލުތަކަށް ސަމާލުވުމަށް އެދެމުން، ފައިސާގެ މުއާމަލާތްތަކުގައި ޝައްކު އުފެދޭނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓް ކުރުމަށް ބުނެފައެވެ.
ސްކޭމް މައްސަލަތައް ހައްލުކޮށް ހުއްޓުވުމަށްޓަކައި މިފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކޮށް ކުރިއަށް ގެންދިއުމަށް ރައްޔިތުން ކައިރިން އެދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!