ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ ގައި ރޭ ޖަޕާންގެ އުރުވާ ރެޑްސްއާއި އިންޓަ މިލާން ބައްދަލުކުރި މެޗުގައި، އުރުވާއިން ލަނޑެއްޖަހައި ލީޑުނަގާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން (2-1) އިންޓައިން މެޗު ކާމިޔާބު ކޮށްފިއެވެ.

މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން އިންޓަ އެއްވަރުވެފައި އޮތުމުން، މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވުމަށް ރޭ މެޗުގެ ތިން ޕޮއިންޓް އިންޓައަށް އޮތީ ވަރަށް މުހިންމުވެފައެވެ.

Ad
rt

ރޭ މެޗު ފަށައިގެން އުރުވާގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ވެސް އުރުވާއިންނެވެ. މި ލަނޑު 11 ވަނަ މިނެޓުގައި ޖަހައިދިނީ ވަޓަނަބޭއެވެ.

ބައިކޮޅަށް ވަތް ލަނޑާއިއެކު އިންޓައިން ޓީމް ކުރިއަށް ޖައްސައި މެޗުގެ ނަތީޖާ އަނބުރާލަން ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އިންޓައަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ ވެސް 77 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މާޓިނޭޒްއެވެ.

އިންޓަ މެޗު ކާމިޔާބު ކޮށްފައި ވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަތަރު މިނެޓް ތެރޭގައެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ވެލެންޓިން ކާބޮނީއެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު، ޖުމްލަ ހަތަރު ޕޮއިންޓް ހޯދައިގެން އިންޓް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ދެވަނާގައެވެ. އެއްވަނާގައި އޮތް ރިވަޕްލޭޓަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓްވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ މެޗުން ބަލިވި އުރުވާ ރެޑްސް އެވެ. ދެ މެޗުން ބަލިވުމުން އުރުވާއަށް ވަނީ މުބާރާތް ނިމިފައެވެ.