ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ބްރެޒިލްގެ ފްލެމިންގޯއާއި ޖަރުމަނުގެ ބަޔާން މިއުނިކް ޖާގަ ހޯދައިފިއެވެ.

ރޭ ގްރޫޕް ޑީ ގައި ޗެލްސީއާއި ފްލެމިންގޯ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ފްލެމިންގޯއިންނެވެ. ރޭ ހޯދި މޮޅާއިއެކު ފުލެމިންގޯއިން ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ހޯދާފައެވެ. އެއްވަނާގައި އެ ޓީމް އޮތްއިރު ދެވަނާގައި ތިން ޕޮއިންޓް ހޯދައިގެން އޮތީ ޗެލްސީއެވެ.

Ad
rt

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޗެލްސީންނެވެ. މި ލަނޑު މެޗުގެ 13 ވަނަ މިނިޓުގައި ޖަހައިދިނީ ޕެޑްރޯ ނެޓޯއެވެ. ޗެލްސީއަށް ވަނީ ލީޑު ފުޅާ ކުރަންވެސް ރަގަޅު ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ލިބި ފައެވެ. ނަމަވެސް އެ ފުރުސަތު ތަކުގެ ބޭނުން ނުކުރެވުނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 17 ވަނަ މިނިޓުގައި ފްލެމިންގޯގެ ބްރޫނޯ ހެންރީކޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ފްލެމިންގޯ އިން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 65 ވަނަ މިނިޓުގައި ޑެނީލޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި އޭގެ ތިން މިނިޓު ފަހުން ނިކޮލަސް ޖެކްސަން ކުރި ފައުލަކާއި ގުޅިގެން ކުޅެން އެރިތާ ހަތަރުވަނަ މިނިޓުގައި ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މި މެޗުގެ ފްލެމިންގޯ ކޮޅަށް އެނބުރިގެން ގޮސްފައިވަނީ ދެވަނަ ހާފުގެ ހަ މިނިޓުގެ ތެރޭގައެވެ.

ފްލެމިންގޯ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވަލަސް ޔާން ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރޭ ގްރޫޕް ސީގައި ބޮކަ ޖޫނިއާއާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ބަޔާނުން ވެސް ވަނީ ދެވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ.

ރޭ މެޗުގައި ބަޔާނުން މެޗުގެ 18 ވަނަ މިނިޓްގައި، ހެރީ ކޭން ޖެހި ގޯލުން ލީޑުނެގިއިރު، ދެ ވަނަ ހާފުގައި، ބޮކަ ޖޫނިއާސް އިން އެއްވަރުކުރީ، 66 ވަނަ މިނިޓްގައި، މިގޭލް މެރެންޝިއޭލް ޖެހި ގޯލުންނެވެ. މެޗުން ބަޔާން މޮޅުކޮށްދިން ލަނޑު 84 ވަނަ މިނިޓްގައި، މައިކަލް އޮލީސޭ ކާމިޔާބުކުރީ، ކޭން ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.