ހިޖުރައިގެ މަތިވެރި ޒިކުރާ ގުޅިފައިވަނީ، މައްކާއިން މަދީނާއަށް رسول الله صلى الله عليه وسلم ހިޖުރަކުރެއްވި ޙާދިސާއާއެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ވަޤުތެވެ. މައްކާގައި 13 އަހަރު ދަޢުވަތު ދެއްވުމަށް ފަހު، އެކަށީގެންވާ އިޖާބައެއް ލިބިވަޑައިނުގަތުމުންނާއި، އެކަލޭގެފާނު އަވަހާރަކޮށްލަން ރާވަން ފެށުމުން، މާތް اللهُ سُبْحَانَهُ وَتَعَالَىގެ އަމުރުފުޅަށް މަދީނާއަށް ހިޖުރަކުރެއްވިއެވެ.
ހިޖުރައިގެ މާނައަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ ފުޅާ މާނައެކެވެ. އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުމެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "އެންމެ މާތްކަން ބޮޑުވެގެންވާ ހިޖުރައަކީ، މާތް ﷲ ރުހިވޮޑިގެންނުވާ ކަންތައް ދޫކޮށްލުމެވެ."
މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ގިނަގުނަ ޢިބުރަތްތަކާއި ދަރުސްތަކެއް ވެއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ''ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން'' އެވެ. މިއަދުގެ ޚުތުބާއިން ނަކަލުކޮށްފައިވާ މުހިންމު ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ.
ހިޖުރައިގެ ފިލާވަޅުތަކުން ޢިބުރަތް ލިބިގަނެ ދީނަށް ޓަކައި ޤުރުބާންވުމަށާއި، ކަންކަން ރާވައި، މާތް اللهُ سُبْحَانَهُ وَتَعَالَى އަށް ވަކީލުކޮށް، ސާބިތުކަމާއެކު ދެމިތިބުމަށް އަހަރެމެން ހިތްވަރުލާން
މިއަދުގެ ހުކުރު ޚުޠުބާގައި މުސްލިމުންގެ އުޚުއްވަތްތެރިކަމުގައި މުއްސަނދިޔަކާއި ފަޤީރަކާއި ދޮންމީހަކާއި ކަޅުމީހަކާއި ކުޑަކުއްޖަކާއި ބޮޑުމީހަކު ތަފާތުނުވާކަން ބަޔާންކޮށްދެއްވައި ތަވާޟުޢުވެރިކަމަކީ ދަރަޖަ އުފުލިގެންވާކަން ބަޔާންކުރަށްވާފަވެއެވެ. މިގޮތުން ޚުޠުބާގެ މުހިންމު ބައިތަކުގެ ޚުލާސާ ތިރީގައި އެވަނީއެވެ.
ހިޖުރައިގެ ފުޅާ މާނަ
މި ފެށޭ ހަފުތާއަކީ ހިޖުރީ އައު އަހަރެއް ފެށޭ ހަފުތާއަށް ވާތީ، ކީރިތި رسول الله صلى الله عليه وسلم މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާންޖެހޭ ކަމެކެވެ. ހިޖުރައިގެ މާނައަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ މާފުޅާ މާނައެއް އޮތް ކަމެކެވެ. ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުމެވެ. رسول الله صلى الله عليه وسلم އަރިހުގައި އަޞްޙާބު ބޭކަލަކު ދެންނެވިއެވެ. (يَا رَسُوْلَ اللهِ! أَيُّ الْهـِجْرَةِ أَفْضَلُ؟ قَالَ: أَنْ تَـهْجُرَ مَا كَرِهَ رَبُّكَ عَزَّ وَجَلَّ.) މާނައީ: "އޭ اللهގެ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑުވެގެންވާ ހިޖުރައަކީ ކޮބައިތޯއެވެ؟ "އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. މާތް الله ރުހިވޮޑިގެންނުވާ ކަންތައް ދޫކޮށްލުމެވެ." (أخرجه أبو داود (1449) والنسائي (4165) وأحمد (6813)، واللفظ للنسائي، وقال الألباني في صحيح سنن النسائي (3883): صحيح)
ދީނަށްޓަކައި ޤުރުބާންވުން
މުސްލިމް އަޚުންނޭވެ! ކީރިތި رسول الله صلى الله عليه وسلم މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް ޢިބުރަތްތަކަކާއި ދަރުސްތަކެއް ވެއެވެ. ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ، ދީނަށް ޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅެވެ. ކީރިތި رسول الله صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ، އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވީ ރަށާއި، ޢާއިލާގެ ބޭފުޅުން، އިސްލާމްދީނުގެ ދިފާޢުގައި ދޫކުރައްވައިފައެވެ. މައްކާ ދޫކުރައްވައި ނުކުމެވަޑައިގަންނަވަމުން އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅު މުސްލިމުން ހަނދާންކުރާން ޖެހެއެވެ. (وَاللهِ، إِنَّكِ لَـخَيْرُ أَرْضِ اللَّهِ، وَأَحَبُّ أَرْضِ اللَّهِ إِلَى اللهِ، وَلَوْلَا أَنِّيْ أُخْرِجْتُ مِنْكِ مَا خَرَجْتُ) މާނައީ: "الله ގަންދެއްވައި ވިދާޅުވަމެވެ! ހަމަކަށަވަރުން ތިޔަ ބިމަކީ اللهގެ ޙަޟުރަތުގައި އެންމެ ހެޔޮކަން ބޮޑު އަދި اللهއަށް އެންމެ ލޮބުވެތިކަން ބޮޑު ބިމެވެ. އަދި ތިމަން ކަލޭގެފާނު ނެރެނުލެއްވުނު ނަމަ، ތިމަން ކަލޭގެފާނު ތިޔަ ބިމުން އެބަހީ މައްކާގެ ބިމުން ނުކުމެވަޑައެއްނުގަތީމުހެވެ." أخرجه الترمذي (3925)، وابن ماجه (3108)، وأحمد في المسند (18715)، واللفظ للترمذي، قال ابن حجر: "وهو حديث صحيح" (فتح الباري، 3/67–68).
ޞުހައިބުއްރޫމީ ރަޟިޔަ الله ޢަންހުގެ ޤުރުބާނީ
ޞުހައިބުއްރޫމީ رضي الله عنه ހިޖުރަކުރެއްވި ވާހަކައަކީ ވެސް ޢިބުރަތްތެރި ވާހަކައެކެވެ. އެ ކަލޭގެފާނު އަރިހުގައި މައްކާގެ މުޝްރިކުން ދެންނެވީ ކަލޭގެފާނުގެ މުޅި މުދާ ދޫކޮށްލައްވައިފައި ހިޖުރައަށް ވަޑައިގަނެވިދާނެކަމުގައެވެ. އެހެންކަމުން އެކަލޭގެފާނުގެ މުޅި މުދާ اللهގެ މަގުގައި ދޫކޮށްލެއްވުމަށް ފަހު ހިޖުރަކުރެއްވިއެވެ. މި ކަން އެނގިވަޑައިގަތުމުން ކީރިތި رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (رَبِحَ صُهَيْبٌ! رَبِحَ صُهَيْبٌ!) މާނައީ: "ޞުހައިބު ފައިދާހުރި ވިޔަފާރިއެއް ކުރައްވައިފިއެވެ! ޞުހައިބު ފައިދާހުރި ވިޔަފާރިއެއް ކުރައްވައިފިއެވެ!" أخرجه ابن حبان في صحيحه (3419)، وصححه الألباني في التعليقات الحسان على صحيح ابن حبان (10/173)، رقم: 7040. މި ކަމާމެދު މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އަދި اللهގެ ރުހިވޮޑިގަތުން އެދި (އެކަލާނގެއަށް) ތިމާގެ ނަފުސު ދޫކޮށްލާ މީހުން ވެސް މީސްތަކުންގެ ތެރެއިން ވެއެވެ. اللهއީ، އަޅުތަކުންނާ މެދު، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ." سورة البقرة: ٢٠٧
ފުރިހަމަ ރޭވުންތެރިކަމާއި ކަންކަން ބެހުން
ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ އެ ކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ހަމަޖައްސައިފައި ވުމެވެ. ހިޖުރައިގެ ދަތުރުފުޅުގެ މަސައްކަތްތައް ވަނީ ވަރަށް ފުރިހަމައަށް ބަހައިލެވިފައެވެ. އަބޫބަކުރުގެފާނު ކުރެއްވި އެއް ކަމަކީ ހަތަރު މަސް ކުރީން ސިއްރިޔާތުގައި ދަތުރުފުޅުގެ ސަވާރީ ތައްޔާރުކުރައްވާން ފެއްޓެވުމެވެ. ހަމަ އެ ފަދައިން ހިޖުރައަށް ނުކުމެވަޑައިގަންނަވާ ރޭގައި ޢަލީގެފާނު ކީރިތި رسول الله صلى الله عليه وسلم ގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވިއެވެ. މައްކާގެ މުޝްރިކުން ކީރިތި رسول الله صلى الله عليه وسلم އަވަހާރަކޮށްލާން ރާވައިފައިވާ ރޭގައި، އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވީ، ފުރާނަފުޅު ޤުރުބާންވެ ދިޔަޔަސް ކީރިތި رسول الله صلى الله عليه وسلم އާއި އިސްލާމް ދީން ދިފާޢުކުރެއްވުމުގެ މަތިވެރި މަޤްޞަދުގައެވެ. މައްކާއިން ނުކުމެވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އެ ބޭކަލުން ތިއްބެވި އިރު ފަރިއްކޮޅު އެރުއްވުމާ ޙަވާލުވެވަޑައިގަތީ أَسْمَاءُ بِنْتِ أَبِيْ بَكْر رَضِيَ اللهُ عَنْهَاއެވެ. އެކަމަނާ އެ ތަކެއްޗާއިގެން އެ ފަރުބަދައަށް އަރައިވަޑައިގެން އެބޭކަލުންނަށް ފަރިއްކޮޅު އެރުއްވުމަކީ ވެސް ބުރަ އަދި ބިރުވެރިކަން ބޮޑު ކަމެކެވެ. އެއިރު މައްކާގައި ކަންހިނގަމުން ދިޔަ ގޮތުގެ ޚަބަރުތައް رسول الله صلى الله عليه وسلم އާއި އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން ޢަބްދު اللهއެވެ.
ދަތި ހާލުގައި ސާބިތުކަން
ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ސާބިތުކަމާ އެކު ދެމިތިބޭނޭކަމުގެ ފިލާވަޅެވެ. رسول الله صلى الله عليه وسلم އާއި އަބޫބަކުރުގެފާނު ޘައުރުފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި އިރު، އަބޫބަކުރުގެފާނު رسول الله صلى الله عليه وسلم އަށް ދެންނެވިއެވެ. އޭ اللهގެ ރަސޫލާއެވެ! މައްކާގެ މުޝްރިކުންގެ މީހަކު ގުދުވެ އެ މީހުންގެ ފައިތިލަދަށަށް ބަލައިލިޔަސް ތިމަންބޭކަލުން ފެންނާނެއެވެ. އެ ހިނދު ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (يَا أَبَا بَكْرٍ، مَا ظَنُّكَ بِاثْنَيْنِ اللَّهُ ثَالِثُهُمَا؟) މާނައީ: "އޭ އަބޫބަކުރުގެފާނެވެ! އެ ދެ ފަރާތަކާ އެކު ތިން ވަނައަށް ﷲ ވޮޑިގެންވާ ބަޔަކާ މެދު ކަލޭގެފާނު ދެކެވަޑައިގަންނަވަނީ ކިހިނަކުންތޯއެވެ؟" މި ފަދަ ބަސްފުޅުތަކުން ޢިބުރަތް ލިބިގަނެ، ހުރިހައި ވަގުތެއްގައި ވެސް އިސްލާމްދީންމަތީގައި ތެދުވެރިކަމާ އެކު ތިބުމަށް ޢަޒުމުކަނޑައަޅައި ތިމާގެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރެވޭތޯ މަސައްކަތްކުރާށެވެ!'' أخرجه البخاري (3653)، ومسلم (2381)، واللفظ له
މާތް اللهُ سُبْحَانَهُ وَتَعَالَى އަށް ވަކީލުކުރުން
މި ދަތުރުފުޅުގައި، الله سُبْحَانَهُ وَتَعَالَى ކީރިތި رسول الله صلى الله عليه وسلم ޙިމާޔަތްކުރައްވައި ނަޞްރުދެއްވާނޭކަމުގެ ފުރިހަމަ ޔަޤީންކަން އެ ކަލޭގެފާނަށް އޮތެވެ. މައްކާގެ މުޝްރިކުން، ބޮޑު އިނާމު ހުށައަޅައިގެންނާއި، ފިޔަވަޅުފުޅުގެ އަސަރުތަކަށް ބަލައިގެން، އެކަލޭގެފާނު ހޯދުމަށް ޓަކައި ކުރި މަސައްކަތް މާތް الله ނާކާމިޔާބުކުރެއްވިއެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. މާނައީ "ތިޔަބައިމީހުން އެކަލޭގެފާނަށް ނަޞްރު ނުދިނަސް، ހަމަކަށަވަރުން، اللهُ، އެކަލޭގެފާނަށް ނަޞްރު ދެއްވިއެވެ. ދެ މީހުންކުރެ އެކަކުކަމުގައިވާ ޙާލު، ކާފިރުވި މީހުން، އެކަލޭގެފާނު ނެރެލި ހިނދުގައެވެ. އޭގެ ދެ ކަލުން (ޘައުރު ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، الله ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވި ހިނދުގައެވެ. އެ ހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން الله ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކަކުން އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި ކާފިރުވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللهގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللهއީ، ޢަޒީޒުވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ." سورة التوبة: ٤٠
ވަކީލުކުރުމުގެ މާނަ
ހިޖުރައިގެ މި މަތިވެރި ޙާދިސާއަށް ފުން ނަޒަރަކުން އަހަރެމެން ބަލައިލާ އިރު، މި ޙާދިސާއިން އަހަރެމެންނަށް ގިނަގުނަ ޢިބުރަތްތަކެއް ލިބެއެވެ. ކަންކަމުގައި މާތް اللهއާ ވަކީލުކުރާންޖެހޭކަމީ، ހިޖުރައިގެ ޙާދިސާއިން އަހަރެމެންނަށް ލިބޭ ފިލާވަޅެކެވެ. މާތް اللهއާ ވަކީލުކުރުމަކީ، އެއްވެސް ޙާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރައިލައިގެން ތިބުމެއް ނޫނެވެ. ވަކީލުކުރުމަކީ، ކަންކަން ކުރުމުގައި ލިބޭން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، މާތް اللهގެ ޙަޟުރަތުން ރައްކާތެރިކަމާއި ތައުފީޤު ލިބޭނޭކަމަށް ޔަޤީންކޮށްގެން ހުރުމެވެ.
ނިޔަތުގެ މުހިންމުކަން
ހިޖުރައިގެ ސަވާބާއި ދަރުމަ ލިބުން ހުރީ އެ ކަމުގައި ހިޖުރަވެރިޔާގެ ނިޔަތުގެ މައްޗަށެވެ. ބައެއް މީހުން ދުންޔަވީ ފާއިދާއެއް ހޯދުމަށް ނުވަތަ މީހަކާ ކާވަނިކުރުމަށް ވެސް ހިޖުރަކޮށް އުޅެއެވެ. ނަމަވެސް ސަވާބާއި ދަރުމަ ހުރި ހިޖުރައަކަށް ހިޖުރަ ވާނީ، މާތް الله އާއި އެކަލާނގެ رسول الله صلى الله عليه وسلم އަށް ޓަކައި ކުރި ހިޖުރައަކަށް ވާނަމައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (فَمَنْ كَانَتْ هِجْرَتُهُ إِلَى اللّٰهِ وَرَسُوْلِهِ فَهِجْرَتُهُ إِلَى اللّٰهِ وَرَسُوْلِهِ) މާނައީ "ފަހެ އެ މީހަކު ހިޖުރަކުރީ، اللهއާއި އެކަލާނގެ رسول الله صلى الله عليه وسلم އަށް ޓަކައިކަމުގައި ވާ ނަމަ، އެ ހިޖުރަ ވާހުށީ اللهއާއި އެކަލާނގެ ރަސޫލާ رسول الله صلى الله عليه وسلم އަށް ޓަކައި ކުރި ހިޖުރައެއްކަމުގައެވެ." أخرجه البخاري (54)، ومسلم (1907)
ދީނަށް ޓަކައި ޤުރުބާންވެ މާތް اللهއަށް ވަކީލުކޮށް ސާބިތުކަމާއެކު ދެމިތިބުމަށް ހިތްވަރުލާންޖެހޭ
ހުތުބާއިގައި ހަނދާންކޮށްދީފައި ވަނީ މި މަތިވެރި ހިޖުރައިގެ ޒިކުރާ އައުވާ މި ދުވަސްވަރުގައި، ހިޖުރައިގެ ފިލާވަޅުތަކުން ޢިބުރަތް ލިބިގަނެ، ދީނަށް ޓަކައި ޤުރުބާންވުމަށާއި، ކަންކަން ރާވައި، މާތް اللهއަށް ވަކީލުކޮށް، ސާބިތުކަމާއެކު ދެމިތިބުމަށް އަހަރެމެން ހިތްވަރުލާން ޖެހޭކަމެވެ. އަދި ހިޖުރަވެސް އަދި އެހެނިހެން ހުރިހާ ޢަމަލެއްވެސް ބިނާވެފައިވަނީ ނިޔަތުގެ މައްޗަށްކަން ދެނެތިބެންޖެހޭ ކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!