ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި ރޭ ރެއާލް މެޑްރިޑާއި އަލް ހިލާލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.
ވަރުގަދަ ރޯގާއެއް ޖެހުމުގެ ސަބަބުން ރޭ މެޗަށް ރެއާލުން ނުކުތީ އެ ޓީމްގެ އެންމެ އިތުބާރު ފޯވާޑް ކިލިއަން އެމްބާޕޭ ނުލައެވެ. ރޭ މެޗަކީ ދާދި ފަހުން ރެއާލުގެ ކޯޗުކަމާއި ހަވާލުވި ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގައި ރެއާލަށް އެންމެ ރަނގަޅު ކުޅުން ނުދެއްކުނުނު ނަމަވެސް، ފުރަތަމަ ލަނޑުޖަގައި ލީޑު ނެގީ ރެއާލުންނެވެ. މި ލަނޑު 34 ވަނަ މިނެޓުގައި ޖަހައިދިނީ ޒުވާން ފޯވާޑް، ގޮންޒާލޯ ގާސިއާއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ކައުންޓަ އެޓޭކެއްގައި ރޮޑްރިގޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.
ރެއާލުން މެޗު ކޮންޓްރޯލް ކުރި ނަމަވެސް ލިބޭ ފުރުސަތުތަކުގައި ކުރިއަށް އަރައި އަލް ހިލާލުން ދިޔައީ ރެއާލަށް ނުރައްކާ ކުރަމުންނެވެ. މިގޮތުން އެ ޓީމުން އުފެއްދި އެޓޭކެއް ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގައި ރެއާލްގެ ރައުލް އެސެންސިއޯ ހިލާލްގެ ލިއޮނާޑޯއަށް، އޭރިއާ ތެރެއިން ފައުލް ކުރުމުން ރެފްރީވަނީ ޕެނަލްޓީއެއް ދީފައެވެ. ޕެނަލްޓީ ކާމިޔާބުކޮށްދީ ހިލާލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރުބެން ނެވޭސްއެވެ.
މެޗުން މޮޅުވާން ރަނުގެ ފުރުސަތެއް ރެއާލަށް ލިބުނެވެ. މެޗުގެ ފަހު މިނެޓުގައި ފެރާން ގާސިއާއަށް އަލް ހިލާލްގެ އޭރިއާ ތެރެއިން ފައުލް ކުރުމުން، ރެއާލަށް ލިބުނު ޕެނަލްޓީ ވަލްވަޑޭ ފޮނުވާލިއިރު އެ ޕެނަލްޓީ ހިލާލްގެ ކީޕަރ ބޯނޯ ވަނީ މަތަކޮށްފައެވެ.
މި ގްރޫޕުގައި ރޭ ޕަޗޫކާއާއި ސަލްޒްބާގް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ސާލްޒްބާގުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!