އިސްރާއީލުން އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑާއި ޓެހުރާނުގައި ހުރި ތެޔޮ ރިފައިނަރީއަކަށް ހަމަލާދިނުމާ ގުޅިގެން، ތެލުގެ އަގު އިތުރަށް އުފުލިއްޖެ އެވެ.
އީރާނަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ގުދުރަތީ ގޭސް އަދި ތިންވަނައަށް އެންމެ ގިނައިން ތެޔޮ ލިބޭ ޤައުމެވެ. މި ހަމަލާތަކާ ގުޅިގެން، އީރާނުގެ ތެލުގެ އުފެއްދުންތެރިކަމަށް ބުރޫއަރާފާނެކަމުގެ ބިރު އޮތްނަމަވެސް، މިހާތަނަށް އުފެއްދުންތެރިކަމާއި އެކްސްޕޯޓް ކުރުމުގެ ޤާބިލުކަމަށް އެއްވެސް އަސަރެއް ކޮށްފައެއް ނުވެއެވެ.
މި ހަމަލާތަކާ ގުޅިގެން ތެލުގެ އަގު ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އެމެރިކާގެ ތެލުގެ އަގު 7.26 އިންސައްތަ އިތުރުވެ، ބެރަލަކަށް 72.98 ޑޮލަރަށް އަރާފައިވެއެވެ. އަދި ބްރެންޓް ކްރޫޑްގެ އަގު 7 އިންސައްތަ އިތުރުވެ، ބެރަލަކަށް 75.55 ޑޮލަރަށް އަރާފައިވެއެވެ. މިއީ 2022 ގެ މާރޗް މަހުން ފެށިގެން ތެލުގެ އަގަށް އައި އެންމެ ބޮޑު އިތުރުވުމެވެ. އެއިރުވެސް ވަނީ 117 އަށް ފީފާއެއްގެ އަގު އުފުލިފައެވެ.
ހަމަލާ ދެވުނު ތަންތަނުގެ ތެރޭގައި ޓެހުރާނުގެ ޝަހްރާން ތެޔޮ ޑިޕޯވެސް ހިމެނެއެވެ. މިއީ 11 ޓޭންކުގައި 260 މިލިއަން ލީޓަރުގެ ޖާގަ ހުރި، އިރާނުގެ ވެރިރަށުގެ އުތުރު ސަރަހައްދަށް ޕެޓްރޯލް، ޑީސަލް އަދި ވައިގެ ދަތުރުފަތުރަށް ބޭނުންކުރާ ތެޔޮ ފޯރުކޮށްދޭ މުހިންމު މަރުކަޒެކެވެ.
އިސްރާއީލުން ބުނެފައިވަނީ މިއީ އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކާއި، މިސައިލް އުފައްދާ ތަންތަނާއި، އަސްކަރީ ވެރިންނަށް އަމާޒުކޮށް ދިގު މުއްދަތަކަށް ކުރިއަށްގެންދާނެ އޮޕަރޭޝަނެއްގެ ފެށުން ކަމަށެވެ. އަދި އީރާނުން ވަނީ މިކަމަށް ހަރުކަށި ޖަވާބެއް ދޭނެކަމަށް ބުނެފައެވެ.
ދުނިޔޭގެ އެންމެ ބޮޑެތި އިންވެސްޓްމަންޓް ބޭންކުތަކުގެ ތެރޭގައި ހިމެނޭ ގޯލްޑްމަން ސެކްސް އިން، ހަނގުރާމަ ފެށުމުގެ ކުރިންވެސް ވަނީ މިއަހަރު ތެލުގެ އަގު ބެރެލަކަށް 100 ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ. މިއީ އާ ތެޔޮ މަޝްރޫއުތަކުގައި އިންވެސްޓްކުރުން މަދުވުމާއި، ދުނިޔޭގެ ތެލަށް ބޭނުންވާ މިންވަރު އިތުރުވަމުން ދިއުމުގެ ސަބަބުން ކަމަށް އެ ބޭންކުން ފާހަގަކޮށްފައިވެއެވެ.
މީގެ ކުރިން، އެ ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ތެޔޮ ހޯދުމާއި އުފެއްދުމަށް ކުރެވޭ އިންވެސްޓްމަންޓްތައް ދަށްވަމުން ދިއުމުގެ ސަބަބުން 2025 ވަނަ އަހަރާ ހަމައަށް ތެލުގެ ސަޕްލައި މަދުވާނެ ކަމަށެވެ.
މި ލަފާކުރުން އަންނަނީ ދުނިޔޭގެ އިގްތިސާދީ ކަންބޮޑުވުންތަކާއި ސިޔާސީ ގޮންޖެހުންތަކުގެ ސަބަބުން ތެލުގެ އަގަށް ބޮޑެތި ބަދަލުތައް އަންނަމުންދާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!