ޖީ.އެމް.ސީ.އީ ނުވަތަ ޖެމްކިއޫގެ ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގަމުންދާ އިންވެސްޓްމަންޓް ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ދިވެހި ފުލުހުންގެ ޚިދުމަތުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ކަށަވަރުކޮށްދީފި އެވެ.

ދިވެހި ފުލުހުން ނާއި ސީއެމްޑީއޭ އިން މިއަދު ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުން ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރި ތަޙުޤީޤުތަކުން ދައްކާގޮތުގައި، މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގ ކުރާކަމަށް ދެއްކި ނަމަވެސް، އެއީ އޮޅުވާލުމެއް ކަމަށެވެ.

Ad
rt

މިފަދަ ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މި ސްކީމަކީ އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އިންޓަރނެޓް މެދުވެރިކޮށް ހިންގާ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގައި ބައިވެރިވާ ފަރާތްތަކަށް ޔޫ.އެސް.ޑީ.ޓީ ނަމަކަށް ކިޔާ ޑިޖިޓަލް ފައިސާ ބޭނުންކޮށްގެން އިންވެސްޓްކުރެވެއެވެ. އިންވެސްޓަރުންނަށް ކޮންމެ ދުވަހަކު، އެ ފަރާތެއްގެ އިންވެސްޓްމަންޓް ދަރަޖައަށް ބިނާކޮށް، 2.5 އިންސައްތައިގެ ފައިދާ ލިބޭކަމަށް ދައްކުވައިދެއެވެ.

ސީ.އެމް.ޑީ.އޭ އިން ބުނާ ގޮތުގައި، މިފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަންވާނީ އޮތޯރިޓީގައި ރަޖިސްޓަރީކޮށް، ހުއްދަ ނަގައިގެންނެވެ. ނަމަވެސް ޖެމްކިއޫގެ ނަމުގައި ހިންގާ މި ސްކީމަކީ ސީ.އެމް.ޑީ.އޭ ގައި ރަޖިސްޓަރީކޮށްގެން ހިންގާ ސްކީމެއް ނޫންކަން ވަނީ ފާހަގަކުރެވިފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ޙައްޤު ވިއްކާލުމަކީވެސް ޤާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޢަމަލެކެވެ. އެހެންކަމުން، މިފަދަ ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން، ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާއެކުގައެވެ.