ހުޅުމާލެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްތަކަކާއެކު 60 އަހަރުގެ މާލޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހައްޔަރުކުރެވުނު ފަރާތަކީ ހ. މެޑޯސްވީޓް / މާލެ، އަޙްމަދު ޢަފީފް (60 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލެ 10 ނަންބަރު ފްލެޓް ސަރަހައްދުންނެވެ.

Ad
rt

ފުލުހުން ހާމަކުރި ގޮތުގައި، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރުމަށް އެންގުމުން، އޭނާގެ އަތުގައި އޮތް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމާ ގުޅިގެން އޭނާ ހުއްޓުވައި، އެވަގުތު އޭނާ ހުރިތަން ބަލައި ފާސްކުރިއެވެ. މި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓް ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އަޙްމަދު ޢަފީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ފުލުހުންގެ ފަރާތުން ކުރިއަށެވެ. އަދި މައްސަލައާ ގުޅޭ އިތުރު ތަފްސީލު މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.