ދުނިޔޭގެ އެންމެ ބޮޑު އެތެރެވަރީގެ ކަނޑު ކަމުގައިވާ ކެސްޕިއަން ކަނޑުން އައު ޖަޒީރާއެއް ރަޝިޔާގެ ދިރާސާވެރިން ހޯދައިފިއެވެ.

ކެސްޕިއަން ކަނޑުގެ އުތުރު ސަރަޙައްދުން އައު ޖަޒީރާއެއް ފެނިފައިވާކަން ރަޝިޔާގެ ދިރާސާވެރިންގެ ޓީމަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

Ad
rt

މިހާތަނަށް ނަމެއް ދީފައިނުވާ މި ޖަޒީރާ ފެނުނީ ''މަލީ ޒެމްޗުޒްނީ'' ކިޔާ ޖަޒީރާ އާއި 19 މޭލު (30 ކިލޯމީޓަރު) ދުރުން ދެކުނު-ހުޅަނގުންނެވެ.

ރަޝިޔާގެ ޓާސް ނޫސް އެޖެންސީން ހާމަކުރި ގޮތުގައި، މި ޖަޒީރާ ފެންމަތިން ފެންނަނީ ތިރިކޮށެވެ. އަދި ދިރާސާވެރިން ދަތުރު ކުރިއިރު ޖަޒީރާގެ ބިން އޮތީ ތެތްކޮށް، ގިނަ ސަރަޙައްދުތައް އޮމާންކޮށް، އަދި ވެލި ގަނޑުތަކުން ނިވައިވެފައިކަމަށް ބުނެފަވެއެވެ.

ރަޝިޔާގެ ސައިންސް އެކަޑަމީގެ އޯޝަނޮލޮޖީ އިންސްޓިޓިއުޓްގެ އިސް ދިރާސާވެރިއެއް ކަމަށްވާ ސްޓެޕަން ޕޮޑޮލްޔާކޯ ވިދާޅުވި ގޮތުގައި، މި އައު ޖަޒީރާ އުފެދުނީ ކެސްޕިއަން ކަނޑުގެ ލޮނުގަނޑު އުސްމިން ދަށަށް ދިއުމުގެ ސަބަބުންނެވެ. ޔޫރަޕާއި އޭޝިއާ ގުޅޭ ހިސާބުގައި އޮންނަ ކެސްޕިއަން ކަނޑަކީ 371,000 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަޙައްދެއް ހިމެނޭ ކަނޑެކެވެ.

"ކެސްޕިއަން ކަނޑުގައި އައު ރަށްތައް އުފެދުމަކީ [މި] ބަންދުވެފައިވާ ކަނޑުގެ ލޮނުގަނޑު ދިގު މުއްދަތަކަށް މަތިވެ ތިރިވެ ދައުރުވަމުން ދިޔުމާއި ގުޅިފައިވާ ކަމެއް." ޕޮޑޮލްޔާކޯ ބަޔާނުގައި ލިޔުއްވިއެވެ.