ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކްލަބް ކަމަށްވާ ރެއާލް މެޑްރިޑަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ކޮންމެ ކޮންމެ އިރަކު ވާނެކަމެއް ނޫން ކަމަށާއި، ރެއާލަށް ބަދަލުވެވުނީތީ ވަރަށް އުފަލުން ހުރިކަމުގައި ލިވަޕޫލް ދޫކޮށް ރެއާލަށް ބަދަލުވި އިންގްލެންޑްގެ ފުލްބެކް ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ބުނެފިއެވެ.

އުމުރުން 26 އަހަރުގެ އާނޯލްޑް ރަސްމީކޮށް ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާފައި ވަނީ އިއްޔެއެވެ. އޭނާ ރެއާލްގައި ބޭނުންކުރާނީ 12 ނަންބަރު ޖޯޒީއެވެ. ލިވަޕޫލްގައި އޭނާ ބޭނުން ކޮށްފައި ވަނީ 66 ނަމަބަރު ޖޯޒީއެވެ.

Ad
rt

ފާއިތުވި އަހަރުތަކުގައި ލިވަޕޫލުގައި މޮޅު ކުޅުމެއް ދައްކައި އާނޯލްޑް ވަނީ އެ ޓީމާއިއެކު ޗެމްޕިއަންސް ލީގު ދެފަހަރު އަދި ޕްރިމިއާ ލީގު ވެސް ދެފަހަރު ކާމިޔާބު ކޮށްފައެވެ.

ލިވަޕޫލާ އެކު އާނޯލްޑް ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ މިހިނގާ ޖޫން މަހުގެ ނިޔަލަށެވެ. އެހިސާބަށް މަޑުކުރިނަމަ ރެއާލަށް ފްރީ ޓްރާންސްފާއެއްގައި އާނޯލްޑް ގެންދެވުނީހެވެ. ނަމަވެސް ރެއާލުން ބޭނުންވީ އާދީއްތަ ދުވަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ކުޅުވަން، އާނޯލްޑް އޭގެކުރިން ގެންނާށެވެ. އެހެންވެ ލިވަޕޫލަށް ރިލީސް ފީ ދެއްކުމަށް ފަހު އާނޯލްޑްގެ ސޮއި ރެއާލުން ހޯދީއެވެ.