އިންޓަރޕޯލް އިން އިސްނަގައިގެން ހިންގި "އޮޕަރޭޝަން ސެކިއުރ" (އިންފޮސްޓީލަރ ކްރެޑްކައުން އޮޕަރޭޝަން) ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން ބައިވެރިވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ މި އޮޕަރޭޝަނަކީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ އިންފްރާސްޓްރަކްޗަރ ނައްތާލުމަށް އަމާޒުކޮށްގެން ގިނަ ގައުމުތަކެއް ބައިވެރިވެގެން ހިންގުނު އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އިންޓަރޕޯލްގެ އޭޝިއާ އެންޑް ސައުތު ޕެސިފިކް ޖޮއިންޓް އޮޕަރޭޝަންސް އަގެއިންސްޓް ސައިބަރކްރައިމް (އޭއެސްޕީޖޭއޯސީ) މެދުވެރިކޮށްކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

Ad
rt

އެގޮތުން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން އޭޕްރިލް މަހާ ހަމައަށް ކުރިއަށް ގެންދެވުނު މި އޮޕަރޭޝަނުގައި އިންފޮމޭޝަން ސްޓީލިންގ މަލްވެއަރއާ ގުޅުންހުރި 20،000 އަށްވުރެ ގިނަ އައިޕީ އެޑްރެސްތަކާއި ޑޮމެއިންތައް ވަނީ ނައްތާލެވިފައިވެއެވެ. އެގޮތުން ނައްތާލެވުނު "އިންފޮމޭޝަން ސްޓީލަރސް" އަކީ ބްރައުޒަރ ކްރެޑެންޝަލްތަކާއި، ޕާސްވޯޑުތަކާއި، ކްރެޑިޓް ކާޑު މައުލޫމާތާއި، ކްރިޕްޓޯކަރަންސީ ވޮލެޓްގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު ވަގަށް ނެގުމަށް ފަރުމާކޮށްފައިހުންނަ ނުރައްކާތެރި މަލްވެއަރއެކެވެ.

މީގެ އިތުރުން އޮޕަރޭޝަން ސެކިއުރގެ ތެރެއިން، ދިވެހިރާއްޖެއާ ގުޅުންހުރި މައުލޫމާތުތައް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން ތަހުގީގުކޮށްފައިވެއެވެ. މި މަސައްކަތުގައި އިންޓަރޕޯލްގެ އިތުރުން، ގުޅުންހުރި އެހެނިހެން އިދާރާތަކާއެކު މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫމާތު އެއްކޮށް، އަދި އެ މައުލޫމާތުތައް ދިރާސާކުރެވިފައިވެއެވެ.

އަދި މި އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ރިޕޯޓުތައް އެކުލަވާލައި، ކަމާގުޅޭ ހޯދުންތައް އޮޕަރޭޝަންގެ އެހެނިހެން ބައިވެރިންނާ ހިއްސާކުރުން ހިމެނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާ ގުޅުންހުރި ނުރައްކާތެރި ހަރަކާތްތައް ދެނެގަތުމަށްޓަކައި ބޭނުންވާ މައުލޫމާތު ހޯދާފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އޮޕަރޭޝަނުގައި އެކު ޖުމުލަ 41 ސަރވަރއާއި 100 ގިގަބައިޓަށްވުރެ ގިނަ ޑޭޓާ އަތުލައިގަނެވުނު ކަމަށާއި، ގާނޫނާ ހިލާފު ސައިބަރ ހަރަކާތްތަކާ ގުޅުންހުރި 32 މީހަކު ހައްޔަރުކުރެވުނު ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި 216،000 އަށްވުރެ ގިނަ ވިކްޓިމްސް އާއި ވިކްޓިމަކަށް ވެދާނެ ފަރާތްތަކަށް އެކަމުގެ މައުލޫމާތު ދެވި، ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އަންގާފައިވެއެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ސައިބަރ ކްރައިމް ސެންޓަރުގެ ހެޑް ވިދާޅުވީ އޮޕަރޭޝަން ސެކިއުރގައި އެ ފަރާތުގެ ދައުރަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސައިބަރ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދޭ އަހައްމިއްޔަތުގެ ހެއްކެއްކަމަށެވެ.

އަދި އިންޓަރޕޯލްއާއި ބައިވެރިވި އެހެނިހެން ގައުމުތަކާއެކު ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކަކީ ފަރުދުންނާއި ވިޔަފާރިތަކަށް ނުރައްކާވެފައިވާ މި ބާވަތުގެ ކުށްކުރާ ނެޓްވަރކްތައް ނައްތާލުމަށް ކޮންމެހެން ބޭނުންވާ ކަމެއްކަމަށާއި ދިވެހިރާއްޖޭގެ ޑިޖިޓަލް ވެށީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ސައިބަރ ކްރައިމް ސެންޓަރުގެ ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، ބައިނަލްއަގުވާމީ ފަރާތްތަކުގެ އެއްބާރުލުން ހޯދައި ގުޅިގެން މަސައްކަތްކުރުމަށް ބޮޑު އިސްކަމެއްދެއްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.