އާދަޔާ ޚިލާފް ބޮޑެތި ފައިދާ ލިބޭނެކަމަށް ބުނެ ހިންގާ އަސްލެއްނެތް އިންވެސްޓްމަންޓް ސްކީމްތަކާމެދު ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އަންނަނީ އެކި ބާވަތުގެ ސްކޭމްތަކާމެދު އާންމުން ހޭލުންތެރިކުރުވައި، ސަމާލުވުމަށް އަންގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad
rt

މިގޮތުން އެ ސެންޓަރުން ވަނީ އެކިއެކި ނަންނަމުގައި ހިންގާ ފޭކް އިންވެސްޓްމަންޓް ސްކޭމްތަކާމެދު ސަމާލުވުމަށް އެދިފައެވެ. އެ ސެންޓަރުން ބުނީ މިފަދަ ސްކޭމްތަކުގައި ހިމެނެނީ އާދަޔާ ޚިލާފް ބޮޑެތި ފައިދާ ލިބޭނެކަމަށް ބުނެ ހިންގާ އަސްލެއްނެތް ސްކީމްތަކެވެ.

ފުލުހުން ވަނީ، ހަމައެކަނި ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކާއެކު މިފަދަ މުއާމަލާތްތައް ކުރުމަށް އެދިފައެވެ. އަދި އިންވެންސްޓެއް ކުރުމުގެ ކުރިން އިންވެސްޓްމަންޓް ޕްލެޓްފޯމްތައް ވެރިފައިކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ވަނީ މި މައުލޫމާތު ޢާއިލާ އާއި ރައްޓެހިންނާއި ވެސް ހިއްސާކޮށް، ސްކޭމްތަކުން ރައްކާތެރިވެތިބުމަށް އެހީތެރިވުމަށް އެދިފައެވެ.

ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އަންނަނީ ކޮންމެ ހަފުތާއަކުހެން އެ ސެންޓަރަށް ރިޕޯޓްކުރި ސްކޭމްތަކާއި އެ ސްކޭމްތަކުން ރިކަވަރ ކުރެވުނު ފައިސާގެ އަދަދުތައް ވެސް އަދާހަމަކުރަމުންނެވެ. މިގޮތުން ޖޫން 3 އިން 9 އަށް ހޭދަވި މުއްދަތުގައި ސްކޭމްތަކުގެ އައު 35 ކޭސް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ސްކޭމްތަކުގައި އެންމެ ގިނައީ ހުއްދަނެތް ޓްރާންސެކްޝަންތަކާއި، އީ-ކޮމާސް މެދުވެރިކޮށް ހިންގާފައިވާ ސްކޭމްތަކެވެ. މިއީ ވައިބަރ، ފޭސްބުކް ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާފައިވާ ސްކޭމްތަކެކެވެ. މި ސްކޭމްތަކުގައި 270،270 ރުފިޔާ ގެއްލިފައިވާއިރު، މީގެ ތެރެއިން 75،776 ރުފިޔާ މިހާތަނަށް ފުލުހުން ވަނީ ރިކަވަރކޮށްދީފައެވެ.

ފުލުހުންގެ ދޭ ހޭލުންތެރިކުރުވުމުގެ އިރުޝާދުތަކުގެ އެހީއާއިއެކު މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ހޭލާ ތިބުމަކީ ވަރަށް މުހިންމުކަމެކެވެ.