އަރުމީނިއާގައި ބޭއްވި ބައިނަލްއަޤްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތް "އަރމޭނިއަން ޔޫތު އޯޕަން" ގައި ދިވެހި ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފް ހޯދި ބޮޑު ކާމިޔާބީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
މި މުބާރާތުގައި ލައިބާ ވަނީ 3 ރަން މެޑަލް ހާސިލުކޮށްފައެވެ. މިއީ ދިވެހި ބެޑްމިންޓަން ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މި ކާމިޔާބީއަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ލައިބާ މި ހޯދި ކާމިޔާބީއަކީ ހަމައެކަނި އަމައެކަނި އޭނާއަށް ލިބުނު ކާމިޔާބީއެއް ނޫން. މިއީ މުޅި ދިވެހި ޤައުމަށް ލިބުނު ކާމިޔާބީއެއް. އަޅުގަނޑު އެދެނީ ލައިބާއަށް އިތުރު ކާމިޔާބީތަކާއި ރަން ވަނަތައް ލިބުން. އަދި ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުން،" ރައީސް ވިދާޅުވިއެވެ.
ލައިބާ ވަނީ މީގެ ކުރީން ވެސް ބެޑްމިންޓަން ބައިނަލް އަގްވާމީ ގިނަ މުބާރާތްތަކަކުން ފަޚުރުވެރި ކާމިޔާބީ ތަކެއް ހޯދާފައެވެ.
މީގެ ތެރޭގައި އިޓަލީގެ ބޮޒެން ސްޕްރިން އިންޓަނޭޝަނަލް ސްޕްރިން ޓޯނަމެންޓް އޮފް ބޮލްޒާނޯ 2025 ގައި ވާދަކޮށް، ދެ ބްރޯންޒް މެޑަލް ހޯދާފައިވާއިރު، މޮލްޑޯވާގައި ކުރިއަށްދިޔަ ވިންޓާ ޝިސިނައު ގައި ވާދަކޮށް ރިހި އަދި ބްރޯންޒް މެޑެލް ހޯދުމާއި، ޕޮލެންޑްގެ ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލް މުބާރާތުގެ 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން، ލޯ މެޑެލް ހޯދުމާއި އަދި ޖޯޖިއާގައި ކުރިއަށްދިޔަ ބަޓޫމީ ކަޕްގެ 13 އަހަރުން ދަށުގެ އަންހެން ސިންގަލްސް އިން ލޯ އަދި ރިހި މެޑެލް ހޯދުން ފަދަ ކާޔާބީތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!