އަޟްޙާ އީދު ދުވަހާ ގުޅިގެން މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރި ގަޑީގައި ދުއްވި 11 ފަރާތެއް ޖޫރިމަނާކޮށް، 3 އުޅަނދެއް ޓޯކޮށްފިއެވެ.
މިއީ އީދު ދުވަހު ހަވީރު 4 އިން 6 އަށް މާލޭގައި ފުލުހުންގެ ހާޒިރީ އިތުރުކޮށްގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އެޅުނު ފިޔަވަޅުތަކެކެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އޮޕަރޭޝަންގައި މަނާ ގަޑީގައި ދުއްވި 141 ފަރާތަކަށް ނަސޭހަތް ދީފައިވެއެވެ. އަދި ޓޯކުރެވުނު އުޅަނދުތައް ޓޯކުރެވުނީ ނުރައްކާތެރިކޮށް ދުއްވުމާއިއި، ލައިސަންސްގެ މުއްދަތު ހަމަވެފައި އޮއްވައި އަދި އެއްވެސް ލައިސަންސެއް ނެތި ދުއްވައިގެންނެވެ.
މިއަދު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކުރިން އިއުލާންކޮށްފައިވާ ގޮތުން، މި ގަޑީގައި ދުއްވުމުގެ ހުއްދަ ދީފައިވަނީ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި، އެމްބިއުލެންސް، އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދުތަކަށެވެ. މީގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތްދޭ އުޅަނދުތަކާއި، ފުރާ މީހުން ބޭނުންކުރާ އުޅަނދުތަކަށްވެސް ހުއްދަ ދީފައިވެއެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރު، ކޮންމެ އަހަރެއްގެވެސް ފިޠުރު އީދު އަދި އަޟްޙާ އީދު ދުވަހު، އެހެން ގޮތަކަށް ނިންމާފައި ނުވާނަމަ، މާލޭގައި ހަވީރު 4 އިން 6 އަށް އެއްގަމު އުޅަނދު ނުދުއްވާ ގަޑިއެއްގެ ގޮތުގައި ހަމަޖައްސާފައެވެ.
މިނިސްޓްރީން އިންޒާރު ދީފައިވާ ގޮތުން، މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!