މިއަދުގެ ހަވީރު 4 އިން 6 އަށް ވެހިކަލް ދުއްވުން މަނާވާނީ ހަމައެކަނި މާލެ އާއި ވިލިމާލޭގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފި އެވެ.

މިއީ މީގެ ދެ ދުވަސް ކުރިން މާލޭ ސިޓީ ކައުންސިލުން ގްރޭޓަރ މާލޭ އޭރިއާގެ ހުރިހާ މަގެއްގައި ވެހިކަލް ދުއްވުން މަނާކުރުމަށް ނިންމި ނިންމުމަށް ގެނައި ބަދަލެކެވެ.

Ad
rt

މާލޭ ސިޓީ ކައުންސިލުން ބުދަ ދުވަހު ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވަނީ، 2022 ވަނަ އަހަރުގެ ޖޫން 13 ވަނަ ދުވަހު ބޭއްވުނު ރަސްމީ ޖަލްސާގައި ނިންމި ގޮތުގެ މަތިން، ކޮންމެ އަހަރެއްގެވެސް ދެ އީދު ދުވަހު ހަވީރު 4 އިން 6 އަށް މާލޭގައި އެއްވެސް ވެހިކަލެއް ދުއްވުން މަނާވާނެ ކަމަށެވެ. އަދި މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށްވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

އިމަޖެންސީ ހާލަތްތަކުގައި ދުއްވާ އުޅަނދުފަހަރަށް ހާއްސަ ސްޓިކަރެއް ދޫކުރާނެ ކަމަށް ކައުންސިލުން އަންގާފައިވެއެވެ. މި ސްޓިކަރ މިއަދު މެންދުރުފަހު 3:45 އާ ހަމައަށް ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން ލިބެން ހުންނާނެ ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

މިއަހަރުގެ ފިތުރު އީދުގައިވެސް ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުމާލެ ހިމެނޭގޮތަށް މުޅި މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރި ނަމަވެސް، ގަޑިއެއްހާއިރު ފަހުން އެ އިއުލާން ވަނީ އެއްވެސް ސަބަބެއް ނެތި ބާތިލުކޮށްފައެވެ.

މިފަހަރުގެ އިއުލާނުގައި ހުޅުމާލެ ނުހިމެނުމުން، އެ ސަރަހައްދުގައި އާންމު ގޮތެއްގައި ވެހިކަލް ދުއްވޭނެއެވެ. ނަމަވެސް މާލެ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާ ގަޑީގައި އެއްވެސް އުޅަނދެއް ދުއްވައިފިނަމަ ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.