ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އިން ފްރާންސް ބަލިކޮށް، މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ސްޕެއިން އިން މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ރޭ ކުޅުނު ފޯރިގަދަ މެޗު 5-4 ގެ ނަތީޖާއިން ކާމިޔާބު ކޮށްގެންނެވެ.

Ad
rt

ސްޕެއިނުން އެންމެ ފަހުން މުބާރާތުގެ ޗެމްޕިއަންކަން، މީގެ އެއް އަހަރު ކުރިން ހޯދީ ފައިނަލުގައި ކްރޮއޭޝިއާ ބަލިކޮށްފައެވެ. ސްޕެއިނާއި ޕޯޗުގަލް އަދި ފްރާންސް ވަނީ މީގެ ކުރިން މި ތަށި ހޯދައިފައެވެ.

އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ޕޯޗުގަލް އާއި ސްޕެއިނުން ކުރެން ކޮންމެ ޓީމަކުން ކާމިޔާބުކުރި ނަމަވެސް، މުބާރާތް ދެވަނަ ފަހަރަށް ކާމިޔާބު ކުރެވޭނެއެވެ.

މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް ލިބޭ ބޯޅަތައް ހިފަހައްޓައިގެން ދިޔައީ ގޭމް ޑޮމިނޭޓް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކުރިއަރަން ލިބޭ ބޯޅަތަކުގައި ސްޕެއިން ފެނުނީ ނުރައްކާކޮށެވެ.

އެގޮތުން މެޗުގެ 22 ވަނަ މިނިޓުގައި ނިކޯ ވިލިއަމްސް ވަނީ ލަނޑެއް ޖަހާ ސްޕެއިން އަށް ކުރި ހޯދަދީފައެވެ. އަދި އޭގެ ތިން މިނިޓު ފަހުން މިކޭލް މެރީނޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ފްރާންސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޑްރިއެން ރަބިއޯ ލަމީން ޔަމާލް އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ލަމީން ޔަމާލް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

ސްޕެއިން އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 55 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޕެޑްރީ އެވެ. ސްޕެއިން އިން 4-0 ގެ ނަތީޖާއަކުން ކުރީގައި އޮތް ނަމަވެސް ފްރާންސް އަށް އުންމީދު އައުވެގެން ދިޔައީ މެޗުގެ 59 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކިލިއަން އެމްބާޕޭ ލަނޑެއް ޖެހުމާއިއެކުގައެވެ.

ފްރާންސް އިން ލަނޑެއް ޖެހިތާ އަށް މިނިޓު ފަހުން ލަމީން ޔަމާލް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފައެވެ. ޔަމާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ.

މި މެޗުގެ ފަހު 11 މިނިޓުގައި ފްރާންސް އިން ވަނީ ރަގަޅު ކުޅުމެއް ދައްކާ ސްޕެއިންގެ ފަހަތަށް ބާރުބޮޑުކޮށްފައެވެ. އަދި މެޗުގެ 79 ވަނަ މިނިޓުގައި ރަޔާން ޗާރކީ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ކުޑަކޮށްފައެވެ. މިއީ އޭނާ ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. ފްރާންސް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 84 ވަނަ މިނިޓުގައި ސްޕެއިންގެ ޑިފެންޑަރ ޑެނީ ވިވިއަން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މި މެޗުގައި ފްރާންސް އިން ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރަންޑަލް ކޯލޯ މުއާނީ އެވެ.