މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
އެރޭ 20:30ގައި ބޭއްވުމަށް ނިންމާފައިވާ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގެ ބާސެލޯ ނަސަންދުރަގައެވެ.
އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ހިއްސާދާރުންނަށް ފަހި ވޯޓު މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ އޭޕްރިލް މަހުގެ 27ގެ ނިޔަލަށް އެ ކުންފުނީގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށެވެ.
އެމްޓީސީސީން އިތުރަށް ބުނެފައިވަނީ، ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހުރިހާ ހިއްސާދާރުން މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 20:30ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ.
އެމްޓީސީސީގެ ހިއްޞާދާރުން 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް އެމްޓީސީސީގެ ޝެއަރހޯލްޑަރސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ނުވަތަ ޕްރޮކްސީ އައްޔަންކުރެއްވުމަށް މި ވީޑިއޯ ބައްލަވާ! ޝެއަރހޯލްޑަރސް ޕޯޓަލް މެދުވެރިކޮށް އަހަރީ ޢާންމު ޖަލްސާއަށް… pic.twitter.com/D3mXwkJMQP
— MTCC Plc (@MTCCPlc) June 2, 2025
މި ޖަލްސާގައި ކުރިއަށްގެންދަން އެޖެންޑާކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ހުށަހަޅައި ފާސްކުރުން ހިމެނެއެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބު ހުށަހަޅައި ފާސްކުރުމާއި، މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ އަދަދު ފާސްކުރުން ވެސް ހިމެނެއެވެ.
މީގެ އިތުރުން މި އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރު ހޮވައި، އެފަރާތަށް އުޖޫރަ ކަނޑައެޅުމުގެ އިތުރުން ހިއްސާދާރުންގެ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބުދިނުން ވެސް މި ޖަލްސާގައި ކުރިއަށްދާނެއެވެ.
މި ޖަލްސާއަކީ އެމްޓީސީސީގެ ހިއްސާދާރުންނަށް ކުންފުނީގެ މާލީ ހާލަތާއި ކުރިމަގުގެ ޕްލޭންތަކާ ބެހޭ މުހިންމު މަޢުލޫމާތު ލިބޭނެ ފުރުޞަތެއް ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!