ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިގްތިސާދު އޮތް ގައުމު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މިއަހަރުގެ ޖީ7 ސަމިޓަށް ދަޢުވަތު ނުފޮނުވަން ކެނެޑާއިން ނިންމައިފިއެވެ.
މިއީ 2019 ވަނަ އަހަރުން ފެށިގެން އިންޑިއާ މި ސަމިޓުގައި ބައިވެރިނުވާ ފުރަތަމަ ފަހަރެވެ.
ސަމިޓަށް ދަޢުވަތު ހޯދުމަށް އިންޑިއާގެ ބޮޑުވަޒީރުގެ ފަރާތުން އެތައް މަސައްކަތްތަކެއް ކުރެއްވިކަމަށް އަޑު ފެތުރިފައިވެ އެވެ. މީގެ ތެރޭގައި އެސް. ޖައިޝަންކަރު ސަމިޓުގެ އެންމެ ފަހުގެ ވަގުތުތަކުގައިވެސް ކެނެޑާއާއެކު ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރެއްވި އެވެ. ނަމަވެސް މި މަސައްކަތް ކާމިޔާބެއް ނުވިއެވެ.
ޓައިމްސް އޮފް އިންޑިއާ އާއި އެގައުމުގެ އެހެނިހެން ނޫސްތަކުން ރިޕޯޓުކޮށްފައިވަނީ މޯދީއަށް ރަސްމީކޮށް ދަޢުވަތެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް، މޯދީ ޕޮރޮމޯޓު ކުރައްވާ މީޑިއާތަކުން ޚަބަރު ފަތުރާފައިވަނީ ޖީ7 ސަމިޓުގައި ބައިވެރި ނުވުމަށް މޯދީ ނިންމެވި ކަމަށެވެ.
2019 ވަނަ އަހަރުން ފެށިގެން ކޮންމެ ޖީ7 ސަމިޓެއްގައި އިންޑިއާ ބައިވެރިވެފައިވާއިރު، މިއަހަރު ބައިވެރިނުވުމަކީ ކެނެޑާ-އިންޑިއާ ގުޅުމުގައި އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ކަމުގައި ފާހަގަކުރެވެއެވެ.
މީގެ ތެރޭގައި 2023 ވަނަ އަހަރު ކެނެޑާގައި ދިރިއުޅެމުން އައި ސިކް އެކްޓިވިސްޓެއް މަރާލުމުގައި އިންޑިއާ ސަރުކާރުގެ އަތެއްއޮތް ކަމަށް ކެނެޑާއިން ކުރި ތުހުމަތު ހިމެނެއެވެ. އިންޑިއާއިން މި ތުހުމަތު ދޮގުކޮށްފައިވީ ނަމަވެސް، މި މައްސަލައާ ގުޅިގެން ކެނެޑާގައި ތިބި އިންޑިއާގެ ޑިޕްލޮމެޓުން ބޭރުކުރުމަށް ކެނެޑާއިން ނިންމިއެވެ.
2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ކެނެޑާގެ އިސް ފަރާތްތަކުން އިތުރު ތުހުމަތުތަކެއް ކޮށްފައިވެއެވެ. މީގެ ތެރޭގައި އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާ، ބޭރު ގައުމުތަކުގައި ތިބި ސިކް ވަކިވަންޖެހޭ ކަމަށް ގޮވާލާ ފަރާތްތަކަށް އަމާޒުކޮށް ރޭވުންތައް ރާވާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!