ރައްޔިތުންގެ މަޖިލީހުގެ މި 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަަމަ ޖަލްސާ މާދަމާ އަށް ތާވަލުކޮށްފިއެވެ.
މާދަމާ ހެނދުނު 9:00 ގައި ފަށާ މި ޖަލްސާގެ އެޖެންޑާގައި އެންމެ މުހިންމު މައްސަލައެއްގެ ގޮތުގައި އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ އެވެ.
މީގެ އިތުރުން ނޭޕާލާއި، އަޔަރލޭންޑާއި އަދި ޔުކްރޭނަށް ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ފައިވާ މައްސަލަތައް ވެސް މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފަވެއެވެ.
މާދަމާގެ ޖަލްސާގައި އިބްތިދާއީ ބަހުސަށް ހުޅުވާލަން ނިންމާފައި ވަނީ އެންމެ ބިލަކަށެވެ. އެއީ ސަރުކާރުގެ ފަރާތުނ،ް ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޟީލް ހުށަހަޅުއްފައިވާ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެވެ.
މަޖިލިސް އަލުން މި ފަށަނީ ދެ ހަފުތާއެއްހާ ދުވަހުގެ ކުރު ޗުއްޓީއަކަށް ފަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރު ނިންމައި ޗުއްޓީ އަށް ދިޔައީ 15 މެއި 2025 ގައެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި 32 ޖަލްސާ ބާއްވާފައިވާއިރު، މި ޖަލްސާތަކުގައި ހޭދަކޮށްފައި ވަނީ ޖުމްލަ 59 ގަޑިއިރެވެ. އަދި މަޖިލީހުގެ ކޮމެޓީތަކުގެ ޖުމްލަ 103 ބައްދަލުވުން ބާއްވާފައިވާއިރު، އެ ބައްދަލުވުންތަކަށް 139 ގަޑި 37 މިނިޓް ހޭދަކޮށްފަވެއެވެ. މިދިޔަ ދައުރުގައި ވަނީ ޖުމްލަ 9 ބިލެއްގެ މަސައްކަތް އެއްކޮށް ނިންމާފައެވެ.
މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަގޮތުން ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭމަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށް އަދި ތިން ވަނަ ދައުރު އޮކްޓޯބަރު ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!